ގިނަގިނައިން ޤުރުއާން ކިޔެވުމުގެ މާތްކަން

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ފަހެ ރޯދަމަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރެވެ. އެމަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން ބާވާލެއްވީ މީސްތަކުންނަށްވާ ހިދާޔަތާއި ޙައްޤާއި ބާތިލުވަކިކޮށްދެނިވި ފޮތެއްކަމުގައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ) سورة البقرة: 185

މާނައީ: " ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. "

އިމާމު އިބުނު ކަޘީރު އެބަހުގެ މުރާދުގައި ވިދާޅުވެފައިވެއެވެ. "އެބަހީ ދަލީލުތަކެކެވެ. އަދި ބަޔާންވެގެންވާ ސާފުވެގެންވާ މަތިވެރިވެގެންވާ ޙުއްޖަތްތަކެކެވެ." އެހެންކަމުން މިޙުއްޖަތްތަކާއި ދަލީލުތައް އަޅުގަނޑުމެންނަށް އެނގިގެންދާނީ އެފޮތްކިޔަވައި އެފޮތާއި މެދު ވިސްނާ ފިކުރުކޮށްގެންނެވެ.

އެފޮތް ކިޔުމަށް ﷲ ތަޢާލާވަނީ މިފަދައިން އަމުރުކުރައްވާފައެވެ.

(وَرَتِّلِ الْقُرْآنَ تَرْتِيلًا)  سورة المزمل: 4

މާނައީ: "އަދި ކަލޭގެފާނު ކީރިތި ޤުރުއާން ރިވެތިކޮށް ކިޔަވައި ވިދާޅުވާށެވެ."

 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(اقرأوا القرآن فإنه يأتي يوم القيامة شفيعاً لأصحابه) رواه مسلم في صحيحه.

މާނައީ: "ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ އެ ޤުރުއާން ޤިޔާމަތް ދުވަހުން އެ ފޮތްކިޔައި އުޅުނު މީސްތަކުންނަށް ޝަފާޢަތްތެރިވެއެވެ"

ރޯދަމަހަކީ ﷲ އެފޮތް ބާވާލެއްވި މައްސަރު ކަމަށްވެފައި ގިނަގިނައިން އެފޮތް ކިޔަވާކަމުގައިވާނަމަ އަޅުގަނޑުމެންގެ މައްޗަށް ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވެ ފާފަ ފުއްސެވޭ ސަބަބަކަށް އެފޮތް ވެގެންދާނެ ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من قرأ حرفاً من القرآن فله به حسنة والحسنة بعشر أمثالها) رواه الترمذي في سننه.

މާނައީ: "ކީރިތި ޤުރުއާން ޙަރުފެއް ކިޔަވައިފި މީހަކަށް ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮކަމެއް ވަނީ ދިހަ ހެޔޮކަން ފަދައިންނެވެ."

އެހެން ކަމުން ރަމަޟާން މަހަކީ މިމަތިވެރި ވެގެންވާ ޢަމަލުތައް ގިނައިން ކޮށް އެފޮތަށް ޢަމަލުކުރުން ގިނަކުރާ މަހަކަށް ހެދޭތޯ ބަލަންޖެހެއެވެ.

ކީރިތި ޤުރުއާން ކިޔަވާ އެފޮތަށް ޢަމަލު ކުރުމަކީ ﷲ މީސްތަކުންގެ ދަރަޖަ އުފުއްލަވާ ކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إنَّ اللهَ يَرْفَعُ بِهَذَا الكِتَابِ أقْوَاماً وَيَضَعُ بِهِ آخرِينَ) رواه مسلم في صحيحه.

މާނައީ: "ހަމަކަށަވަރުން ﷲ މިފޮތުން ބަޔަކު މަތިކުރައްވައެވެ. އަދި ބަޔަކު ދައްކުރައްވައެވެ." މަތިކުރައްވަނީ އެފޮތަށް ޢަމަލުކޮށް ކިޔަވާ ހިދާޔަތް ލިބިގަތް މީސްތަކުންނެވެ. އަދި ދަށްކުރައްވަނީ އެޔަށް ފުރަގަސްދިން މަގުފުރެދުނު މީސްތަކުންނެވެ.

އަދި އިމާމު ތަބަރާނީގެ މަކާރިމުލް އަޚުލާޤުގައި ރިވާވެގެންވެއެވެ.

އަބޫ ޒައްރު ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެކަލޭގެފާނަށް ނަޞީޙަތް ދިނުމަށް އެދިވަޑައިގަތެވެ. ޙަދީޘްކުރެއްވިއެވެ. " أُوصِيكَ بِتَقْوَى اللَّهِ ، فَإِنَّهَا رَأْسُ أَمْرِكَ " . قُلْتُ : يَا رَسُولَ اللَّهِ , زِدْنِي . قَالَ : " عَلَيْكَ بِتِلاوَةِ الْقُرْآنِ ، وَذِكْرِ اللَّهِ ، فَإِنَّ ذَلِكَ لَكَ نُورٌ فِي السَّمَوَات وَنُورٌ فِي الأَرْضِ"

މާނައީ: "ތިމަންކަލޭގެފާނު ކަލޭގެފާނަށް ވަސިއްޔަތްކުރައްވަނީ ﷲއަށް ތަޤުވާވެރިވުމަށެވެ. ފަހެ އެކަމަކީ ކަލޭގެފާނުގެ ހުރިހާ ކަމެއްގެ ބޮލެވެ." ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަށް އިތުރުކޮށްދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނުގެ މައްޗަށްވަނީ ޤުރުއާން ކިޔެވުމެވެ. އަދި ﷲގެ މަތިން ޛިކުރުކުރުމެވެ. ފަހެ ހަމަކަށަވަރުން އެކަމަކީ ކަލޭގެފާނަށް އުޑުތަކުގަޔާއި އަދި ބިމުގައިވާ ނޫރެކެވެ."

އެހެންކަމުން މިމަތިވެރި ޢަމަލުން  ޢަމަލުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާ ތައުފީޤުދެއްވުން އެދި ދުޢާކުރަމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ