ވިލިއަމް ޝޭކްސްޕިއަރުގެ މަޝްހޫރު ތުރެޖެޑީ: މެކްބެތުގެ މަންޒަރެއްގެ ސްކްރީން ޝޮޓެއް

މެކްބެތު: ދަހިވެތިކަމުގެ ހިތްދަތި ނިމުން

ސްކޮޓްލޭންޑުގެ ފިނި ރޭތަކުގެ ތެރެއިން ރެއެކެވެ. ހިތްވަރުގަދަ ސިފައިންގެ ވެރިއެއް ކަމުގައިވާ މެކްބެތަށް، އޭނާއަކީ މުސްތަޤުބަލުގެ ރަސްގެފާނު ކަމަށް ބުނެ ތިން ސިހުރުވެރިން ދިން ޚަބަރަކުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. މި ޚަބަރާއެކު އޭނާގެ ހިތުގައި އޮތް ބާރުވެރިކަމުގެ ދަހިވެތިކަން ހޭލައި، އޭނާގެ އަނބިކަނބަލުން ލޭޑީ މެކްބެތުގެ ބާރުއެޅުމާއެކު، ވަފާތެރިކަމުގެ މައްޗަށް ނުބައިކަން އިސްކުރިއެވެ.

ރަސްގެފާނު ޑަންކަން އަވަހާރަކޮށްލުމަށްފަހު ތަޚުތަށް އިސްވުމުން، މެކްބެތަށް ހީވީ އޭނާގެ ހުރިހާ ހުވަފެންތަކެއް ފުރިހަމަވީ ކަމަށެވެ. ނަމަވެސް، އެއީ އޭނާގެ ފަނާވުމުގެ ފެށުމެވެ. ކުރެވުނު ކުށުގެ އިހުސާސާއި، ވެރިކަން ގެއްލިދާނެކަމުގެ ބިރުވެރިކަން އޭނާގެ ނިދި ނަގާލައި، ހިތުގެ ހަމަޖެހުން ނައްތާލިއެވެ. ކޮންމެ ދުވަހަކު އޭނާއަށް ފެންނަނީ އޭނާގެ އަތުން މަރުވި މީހުންގެ ރޫޙުތަކެވެ.

ލޭޑީ މެކްބެތުވެސް މި ބިރުވެރިކަމުން ސަލާމަތެއް ނުވިއެވެ. އޭނާގެ އަތުގައި ހޭކިފައި ހުރި ލޭތައް ފިލުވައިނުލެވޭނެ ކަމުގެ އިހުސާސް ކުރެވި، މޮޔަވެގެން ގޮސް އެންމެ ފަހުން އަމިއްލައަށް މަރުވިއެވެ. މެކްބެތު އެކަނިވެރިވިއެވެ. އޭނާގެ ބާރުވެރިކަމާއި ކިއްލާތައް އޭނާގެ ދިފާއުގައި ނުކުޅެދޭ އެއްޗަކަށް ވެގެން ދިޔައެވެ.

އެންމެ ފަހު ވަގުތު، ދުޝްމަނުން އޭނާގެ ގަނޑުވަރު ވަށާލުމުން، މެކްބެތަށް ވިސްނުނީ ބާރުވެރިކަމަށްޓަކައި އޭނާ ކުރި ހުރިހާ ކަމަކީ އެއްވެސް މާނައެއް ނެތް ކަންތައްތަކެއް ކަމެވެ. އިންސާނާގެ ދަހިވެތިކަމަކީ އޭނާގެ އަމިއްލަ ނަފްސު ހަލާކުކޮށްލާ އަލިފާންގަނޑެއްކަން ސާބިތުކޮށްދެމުން، މެކްބެތުގެ ވެރިކަން ނިމިގެން ދިޔައީ ލޭއޮހޮރުވުމަކާއި ހިތާމަވެރި މަރަކުންނެވެ.


މިއީ ވިލިއަމް ޝޭކްސްޕިއަރުގެ މަޝްހޫރު ފޮތް "މެކްބެތު"ގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚުލާސާ ކުރު ވާހަކައެވެ. ވިލިއަމް ޝޭކްސްޕިއަރުގެ 'މެކްބެތު' އަކީ ދުނިޔޭގެ އަދަބިއްޔާތުގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ހިތާމަވެރި އެއް ޑްރާމާއެވެ. ފަސް ބަޔަކަށް ބަހާލެވިފައިވާ މި ފޮތް ލިޔެފައިވަނީ މީލާދީން 1606 އާއި 1607 އާ ދެމެދުގެ އަހަރެއްގައެވެ. މިއީ ޝޭކްސްޕިއަރު ލިޔުއްވާފައިވާ ތުރެޖެޑީތަކުގެ ތެރެއިން އެންމެ ކުރު، ނަމަވެސް އެންމެ ބާރުގަދަ އެއް މަސައްކަތެވެ. އަޅުގަނޑުގެ މަޤްޞަދަކީ ދަހިވެތިކަމުގެ ނިމުން ނުރައްކާވާނެ ކަން ޚުލާސާ ގޮތެއްގައި ގެނެސްދީ، މިކަން ހަނދާންކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ