ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް (ކުޑަކުދިންގެ) ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްގެ މަސައްކަތްތައް ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާލުމަށް ތާވަލުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންމެސް ވަރެއްގެ ލަސްތަކެއް އައުމަށްފަހު މި މަސައްކަތްތައް މިހާރު އަލުން ހަލުވިކަމާއެކު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ޝެޑިއުލްކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހަށް ދެ މަޝްރޫޢު އެއްކޮށް ނިންމާލުމަށެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރާނެއެވެ. އޭގެ ތެރެއިން 4 އެނދު ޚާއްޞަކުރާނީ މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު އަށެވެ. ބާކީ ހުރި އެނދުތަކުގެ ތެރެއިން ޖެނެރަލް ވޯޑަށް 15 އެނދު އިތުރުކުރުމުން އެ ވޯޑުގެ ޖުމްލަ އެނދުގެ އަދަދު 27 އަށް އަރާނެއެވެ. އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރުމުން، މިހާރު ހުރި 6 އެނދާއެކު ޖުމްލަ 15 އެނދަށް ކުޑަކުދިންގެ ވޯޑު ބޮޑުވެގެންދާނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 4 އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ހޮސްޕިޓަލުގެ އީއާރު އެނދުތައް 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޔުނިޓުވެސް ވަނީ ފުޅާކޮށްފައެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގެ "އަމާން އުދަރެސް" މަޝްރޫޢުގެ 6 ވަނަ ޓަވަރުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކް ހުޅުވުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް އާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި، ލެބް ސާމްޕަލް ނެގުމާއި، އެކްސްރޭގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަންޖެހޭ ފަރާތްތަކަށް އެ ކްލިނިކް މެދުވެރިކޮށް ރިފަރަލް ހަދައިދޭނެ ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރެއެވެ.


