އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު، ފޮޓޯ: އެލްޖީއޭ

އެލްޖީއޭ ބޯޑަށް ކައުންސިލާއި އަންހެނުންގެ ކޮމިޓީން ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުންގެ ތެރެއިން ޖުމްލަ 3 މެންބަރަކު އެލްޖީއޭ ބޯޑަށް އިންތިޚާބު ކުރާނެއެވެ. އެލްޖީއޭއިން ހާމަކުރި ގޮތުގައި، މި މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ ކުރިއަށް އޮތް އޮގަސްޓު މަހުގެ 8 ވާ ހޮނިހިރު ދުވަހުއެވެ.

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ:

  • ސިޓީ ކައުންސިލަރުންގެ ތެރެއިން 1 މެންބަރު

  • ރަށު ކައުންސިލަރުންގެ ތެރެއިން 1 މެންބަރު

  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން 1 މެންބަރު

މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި ހިނގާ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުޞަތު އޮންނާނެއެވެ. ކުރިމަތިލާން އެދޭ ފޯމު ހުށަހަޅަންޖެހޭނީ އެލްޖީއޭގެ އިންތިޚާބީ އީމެއިލް [email protected] އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވަން ދަތިވާނަމަ، އެލްޖީއޭގެ އިދާރާއަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެއެވެ.

ފޯމުތަކަށް ޖަވާބު ދިނުން އީމެއިލް މެދުވެރިކޮށް ކުރިއަށްދާއިރު، އެއްވެސް ސަބަބަކާ ހުރެ ފޯމު ބަލައިނުގަނެވޭނަމަ، އެކަން 24 ގަޑިއިރުގެ ތެރޭގައި އަންގައި، ފޯމު އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

އޮގަސްޓު 8 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 11 ވާ އަންގާރަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ