ޒަމާންތަކެއް ކުރިން، ވަރަށް ނުލަފާ އަދި އަނިޔާވެރި ރަސްކަލަކު އުޅުއްވިއެވެ. މި ރަސްގެފާނުގެ ގާތުގައި ވަރަށް ނުރައްކާތެރި ދިހަ ކުއްތާ ގެންގުޅުއްވައެވެ. ރަސްގެފާނު ހިތްޕުޅާނުވާ ކަމެއް ކުރާ ކޮންމެ ވަޒީރަކު ނުވަތަ މީހަކު މި ކުއްތާތަކުގެ ކުރިމައްޗަށް އެއްލާލައި، އެތަކެތި ލައްވައި އެމީހަކު ކުދިކުދިކޮށް، މަރާލުމަކީ ރަސްގެފާނު ކުރައްވާ ކަމެކެވެ.
އެއްދުވަހަކު، ރަސްގެފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދިހަ އަހަރު ޚިދުމަތްކުރި ވަޒީރަކަށް ރަސްގެފާނު ހިތްޕުޅާ ނުވާ އެެއްޗެއް ބުނެވުނެވެ. އެހެންވެ، ރަސްގެފާނު ކޯފާވެ، އޭނާ ކުއްތާތަކަށް ކާންދިނުމަށް އަމުރުކުރެއްވިއެވެ.
ވަޒީރު އާދޭސްކޮށްފައި ބުންޏެވެ. "އަޅުގަނޑު މަނިއްޕުޅަށް ދިހަ އަހަރު ވަންދެން ޚިދުމަތް ކުރީމެވެ. އަޅުގަނޑު ކުއްތާތަކުގެ ކައިރިއަށް އެއްލާލުމުގެ ކުރިން އެންމެ ދިހަ ދުވަހުގެ މުހުލަތެއް ދެއްވާށެވެ." ރަސްގެފާނު އެކަމަށް އެއްބަސްވެވަޑައިގަތެވެ.
މި ދިހަ ދުވަހުގެ ތެރޭގައި ވަޒީރު ދިޔައީ ކުއްތާތައް ބަލަހައްޓާ މީހާގެ ގާތަށެވެ. އަދި އެ ދިހަ ދުވަހު ކުއްތާތަކަށް ކާންދީ، އެތަކެތި ފެންވަރުވައި، ވަރަށް ލޯތްބާއެކު ބެލެހެއްޓުމުގެ ހުއްދަ ހޯދިއެވެ. ދިހަ ދުވަސް ހަމަވުމުން، ރަސްގެފާނުގެ އަމުރަށް ވަޒީރު ކުއްތާތަކުގެ ގޮޅިއަށް އެއްލާލެވުނެވެ. ނަމަވެސް ފެނުނީ ހައިރާންކުރުވަނި މަންޒަރެކެވެ. ކުއްތާތައް ވަޒީރު ކާލުމުގެ ބަދަލުގައި، އޭނާގެ ފައިގައި ދޫލަވައި، ނިގޫތަޅުވަމުން އޭނާއާއެކު ކުޅެން ފެށިއެވެ.
ރަސްގެފާނު ހައިރާންވެވަޑައިގެން ސުވާލުކުރެއްވުމުން ވަޒީރު ބުންޏެވެ. "އަޅުގަނޑު މި ކުއްތާތަކަށް ޚިދުމަތްކުރީ އެންމެ ދިހަ ދުވަހުއެވެ. އެކަމަކު އެތަކެތި އަޅުގަނޑުގެ ހެޔޮކަން ހަނދާނެއް ނުނެތެއެވެ. ނަމަވެސް މަނިއްޕުޅަށް ދިހަ އަހަރު ޚިދުމަތްކުރުމުންވެސް، އެންމެ ކުށަކާއެކު ހުރިހާ ކަމެއް ހަނދާން ނައްތާލައިފީމުއެވެ." ރަސްގެފާނަށް އޭނާގެ ކުށް އިހުސާސްވިއެވެ. ނަމަވެސް، އޭނާގެ އަނިޔާވެރިކަން ދޫކޮށްލުމުގެ ބަދަލުގައި، ކުއްތާތަކުގެ ބަދަލުގައި ބުޅާ ގެންގުޅެން ނިންމެވިއެވެ.
މި ވާހަކައިން ލިބޭ ފިލާވަޅަކީ، ބައެއް ފަހަރު މަތީ މަގާމުތަކުގައި ތިބޭ މީހުން މީހަކަށް އަދަބުދޭން ނިންމައިފިނަމަ، އެމީހަކު ކުރި އެއްވެސް ހެޔޮކަމެއް ބަލައިނުގަންނާނެ ކަމެވެ.


