ކުތުބުޚާނާތަކަކީ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް: މިނިސްޓަރު ހީނާ

ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، ޢިލްމާއި ޙިލްމު ލިބިފައިވާ ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގައި ކުތުބުޚާނާތަކުން އަދާކުރަނީ ނުހަނު މުހިންމު ދައުރެކެވެ. އަދި ކިޔުންތެރިކަން ކުރިއެރުވުމުގެ އިތުރުން، ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންވާ ޞައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކުތުބުޚާނާތަކަކީ މުހިންމު ވަސީލަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަރުޝީފު ކަމަށްވާ ޤައުމީ ކުތުބުޚާނާއަކީ ދިވެހިންގެ ތާރީޚާއި ސަޤާފަތް އެނގޭނެ އެތައް ފޮތްތަކަކާއި ތަފާތު ޢިލްމީ މާއްދާތައް ލިބެން ހުރި މަރުކަޒެކެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުރި ތަރިކައާއި އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މާއްދީ އަދި މަޢުނަވީ ތަރިކަތައް ޙިމާޔަތްކޮށް، އެ ތަރިކައިގެ ބޭނުން ހިފައިގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ