"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އެކަމާ ގުޅުވައިގެން ސުވާލުކުރި މައްސަލާގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން އެކަމާ ގުޅޭގޮތުން ކުރި ސުވާލު ގުޅިގެން، އޭނާ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެ މާލަމުން ނުކުތުމަށް އަންގަވާފައެވެ. ޝަހުޒާން މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގައެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަންގާފައެވެ. މި އަމުރު ނެރުނީ "އަދަދު" ގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
ޝަހުޒާންގެ އިތުރުން، އެ ކޯޓު އަމުރާ ގުޅޭ ހަބަރު ގެނެސްދިން ގޮތުން ނޫސްވެރިޔާ ލީވާލް އަލީ ނަސީރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މި މައްސަލަ ބަލަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައެވެ.


