22 އަހަރުގެ ވަރަށް ދިގު އިންތިޒާރަކަށް ފަހު އާސެނަލްއިން މިއަދު މިވަނީ އަނެއްކާވެސް ޕްރިމިއާ ލީގުގެ ތަށީގައި އަތްލައިފައެވެ.
މި ކާމިޔާބީއާއެކު، މިކޭލް އާޓެޓާ ފާއިތުވި ހަތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކްލަބަށް ގެނައި އާދަޔާޚިލާފު ބަދަލު ފުރިހަމަވެ، ގައުމީ ޗެމްޕިއަނުންގެ ޝަރަފު އެޓީމަށް މިވަނީ ލިބިފައެވެ. ޖެހިޖެހިގެން ތިން ފަހަރު ދެވަނައިގައި ނިންމާލަން ޖެހުމުން އެޓީމަށް ނިސްބަތްކުރި "ނިއަރލީ މެން" ނުވަތަ ކާމިޔާބީއާ ގާތްކޮށްފައި ނާކާމިޔާބުވާ ބައެއްގެ ނަން މިހާރު މިވަނީ ފޮހެލާފައެވެ. އަދި ތަށި ނުލިބި ދިޔަ ދިގު މުއްދަތަށް ނިމުން އައުމާއެކު، މިހާރު އޮތީ މުސްތަގުބަލާ މެދު ވިސްނުމެވެ.
އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗަށްފަހު، ސެލްހަރސްޓް ޕާކުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށްފަހު އާޓެޓާ ބުންޏެވެ، "މިއީ ވަރަށް ފުރިހަމަ އިހުސާސެއް. މި ދަތުރުގައި އަހަރެމެންނަށް ދަތި އުނދަގޫ ވަގުތުތަކާ ކުރިމަތިވި، އެކަމަކު މިފަދަ އުފާވެރި މަންޒަރެއް ފެނުމުން އެ ހުރިހާ ކަމެއްގެ އަގު ލިބިއްޖެ."
"މިހާރު މިއީ އުފާފާޅުކުރުމުގެ ވަގުތު، ކޯޗެއްގެ ޒިންމާތަކާ ކުޑަކޮށް ދުރަށްޖެހިލަންވީ ވަގުތު."
"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ދެއްކީ އާދަޔާޚިލާފު ގުޅުމަކާއި، ސާބިތުކަމާއި އަދި ހިތްވަރެއް. އަހަރެމެންގެ ވަށައިގެން ހިނގި ކޮންމެ ކަމަކީ މި ކާމިޔާބީ ހޯދުމަށް ލިބުނު ހިތްވަރެއް."
އަންނަ ހޮނިހިރު ދުވަހު ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިންތިޒާރު ކުރަމުންދާއިރު، މިއީ "ގަނާސް" އިން ފުޓްބޯޅައިގައި ރަސްކަން ކުރަން ފަށާނެ ދައުރެއްގެ ފެށުމަކަށް ވެދާނެއެވެ.


