އެވަޓަންގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕަރއިން 1-0 އިން ހޯދި މޮޅާއެކު، ވެސްޓް ހޭމް ޔުނައިޓެޑް ރަސްމީކޮށް ޗެމްޕިއަންޝިޕަށް ރެލިގޭޓްވެއްޖެއެވެ.
މި ނަތީޖާއާއެކު ސްޕަރސް ނުރައްކާތެރި ހާލަތަކުން ސަލާމަތްވިއިރު، ޕްރިމިއަރ ލީގުގައި ވިދިވިދިގެން 14 ސީޒަން ހޭދަކުރުމަށްފަހު، 2011/12 ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ވެސްޓް ހޭމް އެނބުރި އިނގިރޭސި ދެވަނަ ޑިވިޝަނަށް ދާނެއެވެ.
ނޫނޯ އެސްޕިރިޓޯ ސަންޓޯ ޓީމާ ހަވާލުވި ނަމަވެސް، މުޅި ސީޒަނުގައިވެސް ހަމަޖެހުމެއް ނުފެނުނު މި ޓީމު ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. މުޅި ސީޒަނުގައި އެޓީމަށް މޮޅުވެވުނީ އެންމެ ނުވަ މެޗުންނެވެ. އަދި އެންމެ ނާޒުކު ދަނޑިވަޅުގައި ވިދިވިދިގެން ތިން މެޗުން ބަލިވުމުގެ ހިތި ނަތީޖާ އެ ޓީމަށް ތަހައްމަލުކުރަން ޖެހުނެވެ. ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު އަމިއްލަ އަތްމަތީގައި އޮތް ނަމަވެސް، ސީޒަނުގެ ނިމުން ފެނިގެންދިޔައީ ވަރަށް ގޯސްކޮށެވެ.
ސަޕޯޓަރުން އެންމެ ބޮޑަށް ދެރަވަނީ މީގެ މަދު އަހަރުތަކެއް ކުރިން ޓީމުގެ ހާލަތު މުޅިން ތަފާތުކޮށް އޮތުމުންނެވެ. 2022/23 ސީޒަނުގައި ވެސްޓް ހޭމްއިން ޔޫއީއެފްއޭ ކޮންފަރެންސް ލީގު ކާމިޔާބުކޮށް، ކްލަބުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޔޫރަޕްގެ ތައްޓެއް ހޯދިއެވެ. އޭގެ ފަހުން ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށް، ޕްރިމިއަރ ލީގުގެ ނުވަވަނައިގައި ސީޒަން ނިންމާލިއެވެ. ނަމަވެސް ކުޅިވަރުގެ ރޭވުންތެރިކަމުގައި ނިންމުނު ގޯސް ނިންމުންތަކުގެ އަސަރު އެންމެ ފަހުން ފެންނަން ފެށީއެވެ.
2024/25 ސީޒަނުގައި ތާވަލުގެ 14 ވަނައިގައި ނިންމާލުމަކީ ކުރިއަށް އޮތް ނުރައްކަލުގެ އިންޒާރެކެވެ. އެހެންނަމަވެސް، އޭގެ އެންމެ ދެ އަހަރު ފަހުން ޓީމު ރެލިގޭޓްވެދާނެ ކަމަކަށް އެކަކުވެސް ހިއެއް ނުކުރެއެވެ.


