ރެއާލްމެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނުހިމަނާ ސްޕެއިންގެ ވޯލްޑްކަޕް ސްކޮޑް އިއުލާނުކޮށްފި

1950 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނުހިމަނާ ސްޕެއިންގެ ވޯލްޑްކަޕް ސްކޮޑް އެކުލަވާލައިފިއެވެ. މިއީ ހޯމަ ދުވަހު ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އިޢުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުން އެ ކްލަބުގެ އެއްވެސް ކުޅުންތެރިއަކަށް ފުރުޞަތު ނުދެއެވެ.

ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އިޢުލާންކުރި ފީފާ ވޯލްޑް ކަޕް ސްކޮޑުގައި ލަމީން ޔަމާލް ހިމަނާފައިވާއިރު، އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ކުޅުމަށް އެނބުރި އައި އާސެނަލްގެ މިޑްފީލްޑަރު މިކޭލް މެރީނޯ އަށް ވެސް ސްކޮޑުން ވަނީ ޖާގަ ދީފައެވެ.

ރެއާލް މެޑްރިޑްގެ ޑީން ހައިސަން އަށް އަނިޔާގެ ސަބަބުން ފުރުޞަތު ގެއްލުނުއިރު، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނީ ކަވަހާލް ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ބާސެލޯނާގެ ޒުވާން ތަރި ޔަމާލްއާއެކު، ސްޕެއިން ޔޫރޯ 2024 ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ. އޭނާ ސްކޮޑުގައި ހިމެނީ ފިޓްނަސް މައްސަލަތަކުގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލިފައި ވަނިކޮށެވެ.

އުމުރުން 18 އަހަރުގެ ޔަމާލްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، މުބާރާތުގެ ފުރަތަމަ މެޗުތަކުގައި އޭނާއަށް ކުޅެވިދާނެތީ ވަނީ ސުވާލު އުފެދިފައެވެ.

މެޑްރިޑްގެ ކުޅުންތެރިން ނެތް މައްސަލައިގައި ވާހަކަދައްކަމުން ޑި ލަ ފުއެންޓޭ ބުނީ، އޭނާ ބޮޑަށް އިސްކަންދެނީ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ވާހަކަ ދެއްކުމަށް ކަމަށެވެ.

"އަހަރެން މިއީ މެނޭޖަރު، އަހަރެން ނުބަލަން ކުޅުންތެރިން އަންނަނީ ކޮން ކްލަބަކުންތޯއެއް. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން؛ އަހަރެން ވަކި ކްލަބަކަށް ނުބަލަން. ސަޕޯޓަރެއްގެ ހިތުގައި އޮންނަ ކަހަލަ ވަކި ކްލަބަކަށް އޮންނަ ތަޢައްޞަބެއް އަހަރެންގެ ނެތް. އަހަރެން ބޭނުންވާހާވެސް ކަމަކީ ގައުމީ ޓީމަށް ކުޅުމަކީ މި ކުޅުންތެރިން ފަޚުރުވެރިވާ ކަމަކަށް ވުން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑި ލަ ފުއެންޓޭ ބުންޏެވެ.

ޔަމާލްގެ އިތުރުން ބާސެލޯނާގެ ކުޅުންތެރިންގެ ތެރޭގައި ޖޮއާން ގާސިއާ، ޕާއު ކުބާސީ، އެރިކް ގާސިއާ، ގަވީ، ޕެޑްރީ، ޑެނީ އޮލްމޯ އަދި ފެރާން ޓޮރޭޒް ހިމެނެއެވެ. އަދި ޕްރިމިއާ ލީގުގައި ކުޅޭ ހަތް ކުޅުންތެރިއަކަށް ވެސް ވަނީ ފުރުޞަތު ދީފައެވެ.

އާސެނަލްގެ ތިން ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޑޭވިޑް ރާޔާ އާއި މިޑްފީލްޑަރުން ކަމަށްވާ މާޓިން ޒުބިމެންޑީ އަދި މިކޭލް މެރީނޯ ސްކޮޑުގައި ހިމެނޭއިރު، މެންޗެސްޓަރ ސިޓީގެ ރޮޑްރީ އަކީ ސްޕެއިންގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

ފައިގެ ފަލަމަސްގަނޑުގެ އަނިޔާއާއެކު މުބާރާތަށް އަންނަ ޔަމާލް އާއި ވިލިއަމްސްގެ އަނިޔާގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ކޯޗު ވާހަކަދެއްކިއެވެ.

"އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. އިތުރު ގޯހެއް ދިމާނުވާނަމަ، ފުރަތަމަ މެޗުން ފެށިގެން ހުރިހާ ކުޅުންތެރިން ވެސް ތިބޭނީ ތައްޔާރަށް. އަހަރެމެން މިދަނީ ކްލަބުތަކުގެ މެޑިކަލް ޓީމުތަކާ ގާތުން ގުޅުން ބާއްވަމުން،" އޭނާ ބުންޏެވެ.

"އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އަހަރެމެން އެ ކުޅުންތެރިން ބޭނުންކުރާނަން. އަހަރެން ތަކުރާރުކޮށް ބުނަން ބޭނުންވަނީ ހުރިހާ ކުޅުންތެރިން ވެސް ތިބޭނީ އެންމެ ފުރިހަމަ ފޯމުގައި ކަމަށާއި، މުބާރާތުގައި އެ ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެ ކަމަށް."

ސްޕެއިން ވޯލްޑް ކަޕަށް ކުރިމަތިލަނީ މީގެ ދެ އަހަރު ކުރިން ޖަރުމަނުގައި ބޭއްވި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ލިބިފައިވާ އިތުބާރާއެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ