ފޯރިގަދަ ޔުއެފާ ޗެމްޕިއަންސްލީގުގެ ފައިނަލް މިރޭ

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އާސެނަލް ބައްދަލުކުރާ މެޗު މިރޭ ރާއްޖެ ގަޑިން 21:00 ގައި ބުޑަޕެސްޓްގައި ފެށިގެންދާނެއެވެ.

ތާރީޚީ ގޮތުން ބަލާއިރު މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރު ކަމުގައި ނުވި ނަމަވެސް، ފަހަކަށް އައިސް ދެ ޓީމުން ވެސް ވަނީ އެ ޓީމުތަކުގެ ފެންވަރު ސާބިތުކޮށްދީފައެވެ. މިހާރު މި ދެ ޓީމަކީ ހަމައެކަނި ފައިނަލިސްޓުންނެއް ނޫނެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ދެ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ފަޚުރުވެރިކަމާއެކު ގުނާލެވޭ ދެ ޓީމެވެ.

ފްރާންސްގެ ލީގު 1 ގައި ޕީއެސްޖީގެ ބާރުގަދަކަން ވަނީ ވަރަށް ބޮޑަށް ސާބިތުވެފައެވެ. އެގޮތުން ފާއިތުވި 14 ސީޒަނުގެ ތެރެއިން 12 ފަހަރު އެ ޓީމުން ވަނީ ލީގު ތަށި ހޯދާފައެވެ. އަނެއްކޮޅުން، އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން އަހަރު ދެވަނަ ހޯދުމަށްފަހު، އާސެނަލް އިން ވަނީ މި އަހަރު އެންމެ ފަހުން ކުރިއަށް ފިޔަވަޅެއް އަޅައި ތަށި ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ 36 ޓީމު ހިމެނޭ ލީގު ފޭސްގައި 11 ވަނަ އަށް ދިއުމާ ގުޅިގެން، ޕީއެސްޖީ އަށް ޖެހުނީ ޕްލޭއޮފް ކުޅޭށެވެ. ގަދަ 16 އަށް އޮޓޮމެޓިކުން ކޮލިފައިވި މެންޗެސްޓާ ސިޓީއަށްވުރެ ތިން ދަރަޖަ ފަހަތުގައި ޕީއެސްޖީ އޮތްއިރު، އަށް މެޗުގެ މި ފޭސްގައި ބާސެލޯނާ އާއި ބަޔާން މިއުނިކް އަތުން ބަލިވުމުން، އެންމެ ފަހުގެ ޗެމްޕިއަނުންނާ މެދު ގިނަ ސުވާލުތަކެއް އުފެދުނެވެ.

ނަމަވެސް، ޖަރުމަނުގައި ބަޔާ ލެވަކޫސަން އަތުން 7-2 އިން ހޯދި ބޮޑު މޮޅަކީ ފާހަގަކޮށްލެވުނު ކާމިޔާބީއެކެވެ. ޕްލޭއޮފްގައި ފްރާންސްގެ މޮނާކޯ އަތުން އެގްރިގޭޓް 5-4 އިން ހަނި މޮޅެއް ހޯދުމަށްފަހު، ޕީއެސްޖީން ވަނީ ޗެލްސީ އާއި ލިވަޕޫލް އަތުން ތަފާތު ބޮޑު ނަތީޖާތަކަކުން (އެގްރިގޭޓް 8-2 އަދި 4-0) މޮޅުވެފައެވެ.

ސެމީ ފައިނަލުގައި ޕީއެސްޖީއަށް ކުރިމަތިވީ ވަރުގަދަ އިމްތިހާނެކެވެ. ލީގު ފޭސްގައި ވެސް ބައްދަލުކުރި ބަޔާން މިއުނިކާ ދެކޮޅަށް ފްރާންސްގެ ވެރިރަށުގައި ކުޅުނު ފުރަތަމަ ލެގު 5-4 އިން ކާމިޔާބުކުރިއިރު، ޖަރުމަނުގައި ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުކޮށް ޕީއެސްޖީން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

އަނެއްކޮޅުން އާސެނަލް އަކީ މިހާތަނަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބަލިނުވެ ކުރިއަށްދާ ހަމައެކަނި ޓީމެވެ. "ގަނާސް" އިން ވަނީ ލީގު ފޭސްގެ އަށް މެޗުން ވެސް މޮޅުވެ، ތާވަލުގެ އެއްވަނައިގައި ފައި ހަރުކޮށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ މެޗުތަކުގައި އެ ޓީމުން 24 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ.

ނޮކްއައުޓް ބުރުތަކުގައި އާސެނަލްއަށް ކުރިމަތިވީ އުނދަގޫ ގޮންޖެހުންތަކެކެވެ. ގަދަ 16 ގައި ބަޔާ ލެވަކޫސަން އަތުން އެގްރިގޭޓް 3-1 އިން މޮޅުވި ނަމަވެސް، ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ސްޕޯޓިން ލިޒްބަން އަދި އެތުލެޓިކޯ މެޑްރިޑް އަތުން އެ ޓީމު ކުރިހޯދީ އެންމެ ގޯލެއްގެ ތަފާތުންނެވެ.

ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް، އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި ތަށި އުފުލާލާފައެވެ. މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު އެ މެޗުގައި ޑެސިއޭ ޑޫއޯ ދެ ގޯލު ޖަހައި، ފްރާންސްގެ ކްލަބަކީ މި ތަށި ހޯދުމަށް ހައްގު ޓީމެއްކަން ސާބިތުކޮށްދިނެވެ.

ލިއޮނަލް މެސީ، ނޭމާ އަދި ކީލިއަން އެމްބާޕޭ ފަދަ ސުޕަސްޓާރުން ގެނެސްގެން އެތައް އަހަރަކު ކުރި ނާކާމިޔާބު މަސައްކަތަށްފަހު، ޕީއެސްޖީން އެންމެ ބޭނުންވި ތަށި ކާމިޔާބުކުރި މެޗުގެ ތަރިއަކަށް އޭރު އުމުރުން 19 އަހަރުގެ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ޑޫއޭ ވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބީއަކީ ޕީއެސްޖީގެ ތާރީޚުގައި މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްފަހަރު އެ ޓީމު ފައިނަލަށް ދިޔަ ނަމަވެސް، 2019 ވަނަ އަހަރު ބަޔާން މިއުނިކް އަތުން 1-0 އިން ވަނީ ބަލިވެފައެވެ.

އިންޓަ މިލާން ބަލިކުރުމާއެކު، ޕީއެސްޖީ ވެފައިވަނީ މި ތަށި އުފުލާލި ފްރާންސްގެ ދެވަނަ ޓީމަށެވެ. މީގެ ކުރިން މި ތަށި ހޯދި ފްރާންސްގެ ހަމައެކަނި ޓީމަކީ 1993 ވަނަ އަހަރު އޭސީ މިލާން ބަލިކުރި އޮލިމްޕިކް މާސޭ އެވެ.

އާސެނަލް އިން މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ނުވާއިރު، މިއީ އެ ޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ.މީގެ ކުރިން އެޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ 2006 ވަނަ އަހަރު ބާސެލޯނާ އަތުން 2-1 އިން ބަލިވުމުންނެވެ.

އިނގިރޭސި ކްލަބުތަކުން ޔޫރަޕުގެ އެންމެ ޝަރަފުވެރި ތަށި 15 ފަހަރު ހޯދާފައިވާއިރު، މީގެ ތެރެއިން ލިވަޕޫލުން ހަ ފަހަރު އަދި މެންޗެސްޓަރ ޔުނައިޓެޑުން ތިން ފަހަރު މި ތަށި ކާމިޔާބުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ