ބާސެލޯނާއަށް ކުޅުމަށް އެންތަނީ ގޯޑަން ކުރަމުން އައި ދިގު އިންތިޒާރުގެ ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.
ނިއުކާސަލް ޔުނައިޓެޑުން ގޯޑަން ބާސެލޯނާއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ސްޕެއިންގެ ޗެމްޕިއަނުން ހުކުރު ދުވަހު ވަނީ ބުނެފައެވެ.
މި ޓްރާންސްފާގެ މާލީ ތަފްސީލުތައް ހާމަކޮށްފައި ނުވި ނަމަވެސް، އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާއަށް ބާސާއިން ވަނީ ފުރަތަމަ ފޭސްގެ ގޮތުގައި 80 މިލިއަން ޔޫރޯ (93.29 މިލިއަން ޑޮލަރު) އާއި އިތުރު އެލަވަންސްތަކެއް ހުށަހަޅާފައެވެ.
މި ސީޒަނުގައި ނިއުކާސަލް ކުޅުނު ހުރިހާ މުބާރާތެއްގައި ގޯޑަން ވަނީ 17 ގޯލު ޖަހާފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ 12 މެޗުން ޖެހި 10 ގޯލު ހިމެނެއެވެ.
ޖެނުއަރީ 2023 ގައި އެވަަޓަންއިން 45 މިލިއަން ޕައުންޑް (60.55 މިލިއަން ޑޮލަރު) އަށް ނިއުކާސަލްއާ ގުޅުނު ގޯޑަން ވަނީ އެ ޓީމަށް 152 މެޗު ކުޅެދީ، 39 ގޯލާއި 28 އެސިސްޓް ހަމަކޮށްފައެވެ. އަދި މިދިޔަ އަހަރު ލީގު ކަޕް ކާމިޔާބުކޮށް، އެ ކްލަބުން ތަށި ހޯދުމަށް ކުރި 70 އަހަރުވީ އިންތިޒާރު ނިމުމަކަށް ގެނައުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.


