އިންޖަރީގެ ސަބަބުން ވޯލްޑްކަޕުގެ ފުރަތަމަ މެޗު ނޭމާއަށް ގެެއްލޭނެ

ބްރެޒިލްގެ ފޯވާޑް ނޭމާގެ ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކާއި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީ.ބީ.އެފް) އިން ކަށަވަރުކޮށްދީފިއެވެ.

ސީ.ބީ.އެފްގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އުމުރުން 34 އަހަރުގެ ނޭމާ ކުޅުމާ ދުރުގައި އިތުރު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ހޭދަކުރަން ޖެހޭނެ ކަމަށެވެ.

"ނޭމާ އިއްޔެ ގްރަންޖާ ކޮމަރީއަށް ރިޕޯޓްކުރުމުން ހެދި މެޑިކަލް ޓެސްޓުތަކާއި އެމް.އާރް.އައި ސްކޭންއިން ދައްކަނީ އޭނާގެ ފައިގެ މަސްގަނޑަށް 'ގްރޭޑް-ޓޫ' ގެ އަނިޔާއެއް ލިބިފައިވާކަން. މިއީ ހަމައެކަނި ދުޅަވުމެއް ނޫން. އޭނާ އެއްކޮށް ރަނގަޅުވާން ދެ ހަފުތާ ނުވަތަ ތިން ހަފުތާ ނަގާނެ ކަމަށް ބެލެވޭ،" ލަސްމާ ވިދާޅުވިއެވެ.

ނަމަވެސް، ސްކޮޑުން ނޭމާ އުނިކުރާނެތޯ ކުރި ސުވާލަށް ޑޮކްޓަރު ސީދާ ޖަވާބެއް ނުދެއްވައެވެ.

އަންގާރަ ދުވަހު ޓީމާ ގުޅުނު ނަމަވެސް، ކަނާތު ފައިގެ މަސްގަނޑުގައި ރިއްސާތީ ބުދަ ދުވަހުގެ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިއެއް ނުވެއެވެ. އަދި އިތުރު ޓެސްޓުތަކަށް އޭނާ ވަނީ ޓެރެސޯޕޮލިސްގެ ޕްރައިވެޓް ކްލިނިކަކަށް ފޮނުވާފައެވެ.

ލަސްމާ ވިދާޅުވި ގޮތުގައި، ކުރިން ހީކުރި ގޮތާ ހިލާފަށް އެމް.އާރް.އައި އިން ދައްކަނީ މަސްގަނޑުގެ ފައިބަރުތަކުން ބައެއް ވީދިފައިވާ ކަމަށެވެ. މިއީ އަރާމުކުރުމާއި ރިހެބިލިޓޭޝަން ބޭނުންވާ ފަދަ މެދު މިންވަރެއްގެ އަނިޔާއެކެވެ.

މި ނަތީޖާ، ނޭމާގެ ކްލަބް ސަންޓޯސްއިން ކުރިން ދީފައިވާ މައުލޫމާތާ ތަފާތެވެ. ސަންޓޯސްގެ ޑޮކްޓަރު ރޮޑްރިގޯ ޒޮގައިބް ކުރިން ވިދާޅުވެފައިވަނީ އެއީ ހަމައެކަނި ދުޅަވުމެއް ކަމަށާއި، އަންގާރަ ދުވަހު ފަރިތަކުރުންތަކަށް ނޭމާ ފިޓްވާނެ ކަމަށެވެ.

މި އަނިޔާގެ ސަބަބުން، ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާއަށް އާދިއްތަ ދުވަހު މަރަކާނާ ސްޓޭޑިއަމްގައި ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗާއި، ކްލީވްލޭންޑްގައި މިސްރާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ. މީގެ އިތުރުން، ޖޫން 13 ގައި ނިއު ޖާޒީގައި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ހައިޓީ އަދި ސްކޮޓްލޭންޑާއެކު ގްރޫޕް ސީ ގައެވެ.

އާސެނަލް އަދި ޕީ.އެސް.ޖީ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅޭތީ، ޑިފެންޑަރުން ކަމަށްވާ ގަބްރިއަލް މަގަލްހައެސް އާއި މާކީނިއޯސްގެ އިތުރުން ފޯވާޑް ގަބްރިއަލް މާޓިނެލީ ވެސް އާދިއްތަ ދުވަހުގެ މެޗުގައި ނުކުޅޭނެއެވެ.

ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ އަހަރު ނޭމާ ފެނިފައި ނުވާއިރު، މިދިޔަ ހަފުތާގައި އޭނާ އަލުން ޓީމަށް ނެގުމުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑު އުންމީދެއްގައެވެ.

ގައުމީ ޓީމަށް ކުޅުނު 128 މެޗުން 79 ލަނޑު ޖަހާފައިވާ ނޭމާ، ފަހަކަށް އައިސް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ސަންޓޯސްއަށް އެނބުރި ދިޔުމަށްފަހު އޭނާގެ ފަރާތުން ފެންނަނީ އާދައިގެ ކުޅުމެކެވެ.

މި މަހުގެ ކުރީކޮޅު ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ ބުނެފައިވަނީ، ނޭމާއަށް އެއްވެސް ހާއްސަ އިނާޔަތެއް ނޯންނާނެ ކަމަށާއި، ޓީމުން ޖާގަ ލިބޭނީ ހަމައެކަނި އޭނާގެ ފިޓްނަސްއާއި ކުޅުމަށް ބަލާފައި ކަމަށެވެ.

މިވަގުތަށް ބްރެޒިލްއަށް ޖެހިފައިވަނީ ނޭމާއާ ނުލައި ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ