ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފި

މިރޭ ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު ފޯރިގަދަ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

ޕީއެސްޖީން ޕެނަލްޓީ ޝޫޓްއައުޓް 4-3 އިން ކާމިޔާބުކުރީ، އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގަލްހައެސް ފޮނުވާލި ފަހު ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި ކައި ހާވާޓްޒް އާސެނަލްއަށް ކުރިހޯދައިދިނީ ޕީއެސްޖީގެ ކީޕަރު މެޓްވޭ ސަފޮނޯވް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން މެޗު ކޮންޓްރޯލްކޮށް، 65 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު ނަތީޖާ އެއްވަރުކުރިއެވެ. މިއީ ފާއިތުވި 10 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލެއް އިތުރު ވަގުތަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލްގެ އެބެރެޗީ އެޒޭ ވެސް ޕެނަލްޓީއެއް ބޭކާރުކޮށްލިއިރު، ޕީއެސްޖީގެ ނޫނޯ މެންޑޭޒް ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ދިފާއުކޮށްފައެވެ.

ޕީއެސްޖީގެ ފަހު ޕެނަލްޓީ ލޫކަސް ބެރަލްޑޯ ކާމިޔާބުކުރުމުން، މެޗު ކުރިއަށް ގެންދިއުމަށްޓަކައި ގަބްރިއެލްއަށް ޕެނަލްޓީ ކާމިޔާބުކުރުން މަޖުބޫރުވިއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލުގެ މަތިން ބޭރަށް ދިއުމާއެކު، ޕުސްކަސް އެރީނާގައި ތިބި ޕީއެސްޖީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް އުފުލާލި ޔޫރަޕުގެ އެންމެ ޝަރަފްވެރި ތައްޓާއެކު މިރެއަކީ ޕެރިހަށް ތާރީޙީ ރެއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ