ލިވަޕޫލުން އެ ކްލަބުގެ ކޯޗު އާން ސްލޮޓް މަގާމުން ވަކިކޮށްފި ކަމަށް އެ ކްލަބުން ބުނެފިއެވެ. މިއީ ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު، ދެވަނަ ސީޒަނުގައި ލީގުގެ ފަސްވަނައަށް ދިއުމުން އުންމީދުކުރި ނަތީޖާ ނެރެދެވިފައި ނުވާތީ ނިންމި ނިންމުމެކެވެ.
ފޭނޫޑްގެ ކުރީގެ ކޯޗު ސްލޮޓް، ޔާގަން ކްލޮޕްގެ ބަދަލުގައި ލިވަޕޫލާ ހަވާލުވީ 2024 ވަނަ އަހަރެވެ. އަދި އޭނާގެ ފުރަތަމަ ސީޒަނުގައި ލިވަޕޫލަށް ލީގު ކާމިޔާބުކޮށްދީ، ގިނަ ބައެއްގެ ތަރުހީބު ހޯދިއެވެ.
ނަމަވެސް، އޭނާގެ ދެވަނަ ސީޒަނުގައި ލީގު ދިފާއުކުރުމުގެ ބަދަލުގައި ޖެހުނީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނަށް ގަދައަޅައި މަސައްކަތް ކުރާށެވެ. މީގެ އިތުރުން އެއްވެސް ޑޮމެސްޓިކް ކަޕެއް ކާމިޔާބު ނުކުރެވުމަކީ، އެންމެ ފަހުގެ ޗެމްޕިއަނުންނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.
"މިއީ ކްލަބެއްގެ ގޮތުން އަހަރެމެންނަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް. އާނޭ ސްލޮޓް ލިވަޕޫލަށް ކޮށްދިން ހިދުމަތަކީ ފާހަގަކޮށްލެވޭ، މާނަހުރި އަދި ސަޕޯޓަރުންނާއި އަހަރެމެންނަށް ވެސް އެންމެ މުހިންމު ކަމަކަށްވި ކާމިޔާބީތަކެއް ހޯދައިދިން ހިދުމަތެއް" ހޮނިހިރު ދުވަހު ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ލިވަޕޫލުން ބުނި ގޮތުގައި އާ ކޯޗަކު އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބޯންމައުތު ލީގުގެ ހަވަނައަށް ގެންގޮސްދީ، ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދިން ސްޕެއިންގެ އެންޑޯނީ އިރައޯލާ އެ މަގާމަށް ގެނައުމުގެ ފުރުސަތު ބޮޑެވެ.
މި ސީޒަނުގައި 19 މެޗުން ބަލިވުމާއެކު، ދެއްކި ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުން ވަނީ ސްލޮޓާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ކުޅުންތެރިންގެ މެދުގައި ވެސް ނުތަނަވަސްކަން އުފެދިފައިވާއިރު، ކްލަބު ދޫކޮށްދާ މުހައްމަދު ސަލާހު ވަނީ ފާޅުގައި އެކަމާ މެދު ވާހަކަދައްކާފައެވެ.
މިދިޔަ އަހަރުގެ ޕްރީ-ސީޒަނުގައި ލިވަޕޫލުން ވަނީ ޓީމު ވަރުގަދަކުރުމަށް މީގެ ކުރިން ދުވަހަކުވެސް ހޭދަނުކުރާ މިންވަރަށް، 570 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. ނަމަވެސް ފްލޯރިއަން ވާޓްޒް، ޖެރެމީ ފްރިމްޕޮންގް އަދި އަނިޔާގެ މައްސަލަތައް ކުރިމަތިވި އެލެގްޒެންޑާ އީސާކް ފަދަ އަގުބޮޑު ކުޅުންތެރިންގެ ފަރާތުން ފެނުނީ އުންމީދުކުރި ވަރަށް ވުރެ ދަށް ކުޅުމެކެވެ.


