ލަލީގާގެ މޮޅު ކުޅުންތެރިޔަކަށް ޔަމާލް، އެންމެ މޮޅު ކޯޗަކަށް ހަންސީ ފްލިކް

ބާސެލޯނާގެ ވިންގަރ ލަމީން ޔަމާލް، ލަލީގާގެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.

އުމުރުން އަށާރަ އަހަރުގެ މި ކުޅުންތެރިޔާ ވަނީ ބާސެލޯނާއަށް އެ ގައުމުގެ ލީގު ޗެމްޕިއަންކަން ދިފާއުކޮށްދިނުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ އެއް ސީޒަނެއްގައި ތިން ފަހަރު ލީގުގެ ޕްލެޔާރ އޮފް ދަ މަންތްގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން 14 ލަނޑާއި 11 އެސިސްޓާއެކު އޭނާ ނިންމާލީ އެ ކްލަބަށް ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްއަށް ބުރާސްފަތި ދުވަހު ވަނީ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައެވެ.

މި ސީޒަނުގައި ފަލަމަސްގަނޑުގެ އަނިޔާގެ ސަބަބުން ކުޅުމާ އެތައް ފަހަރަކު ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އަންނަ ހަފުތާގައި ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ފަށާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ސްޕެއިން ގައުމީ ޓީމަށް ކުޅުމަށް ޔަމާލް ފިޓްވާނެ ކަމަށް ބެލެވެއެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާ ސީޒަނުގައި ކުޅުނު ފަހު ހަ މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވުނެވެ.

ޔަމާލް އެންމެ ފުރަތަމަ ފާހަގަވާން ފެށީ އުމުރުން ސޯޅަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު ސްޕެއިނުން ހަތަރުވަނަ ފަހަރަށް ޔޫރަޕްގެ ބައްރުގެ ފުޓްބޯޅަ މުބާރާތް ޔުއެފާ ޔޫރޯ 2024 ކާމިޔާބުކުރިއިރު އޭނާއަކީ އެ ޓީމުގެ މުހިންމު ހިއްސާއެކެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ