ވެބްސައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން، އޮޅުމަކުން ހިލޭ ލިބުނު ވޯލްޑް ކަޕްގެ ޓިކެޓްތަކެއް ފީފާއިން ކެންސަލްކޮށްފިއެވެ. މި މައްސަލައިގައި ގާތްގަނޑަކަށް 60 ސަޕޯޓަރެއްގެ ޓިކެޓް ކެންސަލްކޮށްފައިވެއެވެ.
ފީފާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޓިކެޓްތައް ދޫކުރެވުނީ "ފައިސާ ދެއްކުމުގެ މަރުހަލާގައި ކުރިން ދިމާވި މައްސަލައެއްގެ ސަބަބުން އެއްވެސް އަގަކާ ނުލައި (0 ޔޫއެސްޑީ)" ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ "މި މައްސަލަ އަދި މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ފީފާއިން ހިތާމަކުރާ" ކަމަށެވެ. "މި ސަޕޯޓަރުން ބޭނުންވި ޓިކެޓްތައް އަދިވެސް ހުރީ ރިޒާވްކުރެވިފައި. އަދި މައްސަލް ދިމާވި ސަޕޯޓަރުންނަށް ވަނީ ރަނގަޅު އަދަދަށް ފައިސާ ދައްކައި ނިންމުމަށް ދައުވަތު ދެވިފައި."
މިއީ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުކޮށް، ނިއުޔޯކް އަދި ނިއު ޖާރޒީގެ އެޓަރނީ ޖެނެރަލް އިން ތަހުގީގު ކުރަމުންދާ، ފާޑުކިޔުންތައް އަމާޒުވެފައިވާ ވޯލްޑް ކަޕް ޓިކެޓް ޕްރޮގްރާމަށް ދިމާވި އެންމެ ފަހުގެ މައްސަލައެވެ.
ފީފާއިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ފޮނުވި އީމެއިލް މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އަގު ނުބައިކޮށް ލާފައި ހުރި ޓިކެޓްތައް ވިއްކާފައިވަނީ މޭ 21 ވަނަ ދުވަހު ވޯލްޑް ކަޕްގެ ރަސްމީ ސައިޓް މެދުވެރިކޮށެވެ.
އެ ތާރީޚަކީ، ވޯލްޑް ކަޕްގެ ހުރިހާ 104 މެޗެއްގެ ޓިކެޓް އެއްކޮށް ހުސްވެއްޖެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވިތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުގެ ތާރީޚެކެވެ.
އަންނަ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ މެޗުތަކުގެ ޓިކެޓް ފީފާއިން އަދިވެސް ދަނީ ވިއްކަމުންނެވެ. ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ފީފާގެ 'ސާޖް ޕްރައިސިންގ' (ޑިމާންޑަށް ބަލާ އަގު ބަދަލުވާ) މޮޑެލްގެ ދަށުން، ޑިމާންޑް ކުޑަ މެޗުތަކުގެ ޓިކެޓް އަގު ހެޔޮވާނެ ފުރުސަތެއް އޮތްތޯ އަދި ސާފެއް ނުވެއެވެ.
ޓިކެޓް ބްލެކް މާކެޓްގައި ވިއްކާ މީހުން މާކެޓުން ބޭރުކުރުމަށްޓަކައި، ފީފާއިން އަމިއްލަ ރިސޭލް (އަލުން ވިއްކާ) ޕްލެޓްފޯމެއްވެސް ހިންގަމުންދެއެވެ. އަދި މި ޕްލެޓްފޯމުން ޓިކެޓް ގަންނަ މީހާގެ އަތުންނާއި ވިއްކާ މީހާގެ އަތުން 15 އިންސައްތައިގެ ކޮމިޝަނެއް ފީފާއިން ނަގައެވެ. އެހެންނަމަވެސް، ހުކުރު ދުވަހު 'ސީޓްގީކް' ފަދަ ޓިކެޓް ވިއްކާ އެހެން ޕްލެޓްފޯމްތަކުން ގިނަ މެޗުތަކެއްގެ ޓިކެޓް ފުޅާދާއިރާއެއްގައި ލިބެން ހުއްޓެވެ.
2026 ގެ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގު ކުރީގެ އެއްވެސް މުބާރާތަކަށްވުރެ ބޮޑުތަނުން ޕިޕް ބޮޑެވެ. ފީފާއިން މިކަން ދިފާއުކޮށް ބުނަނީ، މިއީ މުޅި ދުނިޔޭގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި މެންބަރު އެސޯސިއޭޝަންތަކަށް ދިނުމަށް ބިލިއަނުން ޑޮލަރު ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.
ވޯލްޑް ކަޕްގެ އޮޕަރޭޝަންތައް ފީފާގެ ދަށަށް ބަދަލުކުރުމުގެ ބައެއްގެ ގޮތުން، ޓިކެޓްގެ އަގު ކަނޑައެޅުމާއި ވިއްކުމުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވަނީ ފީފާއިންނެވެ. ކުރީގެ މުބާރާތްތަކުގައި ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތަކީ، މުބާރާތް ބާއްވާ ގައުމުތަކުގެ ލޯކަލް އޮގަނައިޒިންގ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރުމެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަންތަކަށް މުބާރާތް ބޭއްވުމުގެ ފުރުސަތު 2018 ގައި ލިބުނުއިރު، ގްރޫޕް ސްޓޭޖުގެ އެތައް ލައްކަ ޓިކެޓެއް 21 ޑޮލަރަށް ވިއްކާނެ ކަމަށް ވައުދުވިއެވެ. ނަމަވެސް، ފައިނަލް މެޗުގެ ކުރީ ބަރީގެ ރަސްމީ ޓިކެޓެއް ފީފާއިން ވިއްކަމުންދަނީ 32،970 ޑޮލަރަށެވެ.


