އަމިއްލައަށް އެދިގެން ފެނަކަ ކޯޕަރޭޝަނުން ވަކިވާ މުވައްޒަފުންނަށް، އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މާލީ ފުރުޞަތުތައް ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، ކުންފުނީގައި ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުންނަށް "ޝަރަފުވެރިކަމާއެކު" ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 108 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ. މިގޮތަށް ވަކިވާ މުވައްޒަފުންނަށް ރިޑަންޑެންސީ އުޞޫލުން 4 މަސްދުވަހުގެ މުސާރަ އެއްފަހަރާ ދޭނެއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިވާ ފަރާތްތަކަށް އަމިއްލަ މަސައްކަތެއް ފެށުމަށްޓަކައި، ރަހުނަކާ ނުލައި (ވިތައުޓް މޯގޭޖް) ދޫކުރާ ސަރުކާރުގެ ލޯނު ސްކީމްތަކުގެ ތެރެއިން ފުރުޞަތު ހޯދައިދިނުމަށް ފެނަކައިން މަގުފަހިކޮށްދޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ފެނަކައިގެ މާލީ ޙާލަތަށް އަލިއަޅުވާލައްވަމުން އަފީފު ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގައި މިހާރު ތިބި 8,000 އެއްހާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅެއް ނުޖެހެއެވެ. އަދި މުސާރަ ދިނުމަށްޓަކައި ސަރުކާރުން ކޮންމެ މަހަކު 40 މިލިއަނާއި 50 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަންޖެހެއެވެ.
އަފީފު ވިދާޅުވީ، ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދޭ 4 މަހުގެ މުސާރަ ދޫކުރާނީ ފާސްކޮށްފައިވާ އަހަރީ ބަޖެޓުގެ ތެރެއިން ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އަހަރުގެ ބާކީ އޮތް މުއްދަތުން ކުންފުންޏަށް 2 މަހުގެ މުސާރަ ސޭވް ކުރެވި، މާލީ ގޮތުން ފައިދާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިން މުވައްޒަފުން މަދުކުރުމުގެ ބޭނުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.


