މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މިހާ ލޮރީގެ ދަށުވާން މެދުވެރިވީ، ސީދާ އެލޮރީގައި ޖެހި އެކްސިޑެންޓް ވެގެންކަމަށް ނުބެލެވޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މި ހާދިސާގައި ނިޔާވެފައިވަނީ ހުޅުމާލެ ގޯތި ނަންބަރު 20054 (ގްރީންޕީކް)، އުމުރުން 39 އަހަރުގެ އިބްރާހީމް ނާޞިޙު ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވީނަމަވެސް، އެ އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭކަމަށް ފުލުހުންހުން ވިދާޅުވިއެވެ.
މި ހާދިސާގެ މައްސަލަ މިއަދު 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، ލިބުނު އަނިޔާތަކާއެކު އިބްރާހީމް ނާޞިޙު ވަނީ ނިޔާވެފައެވެ.
މިމައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


