ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު ބައެއް ޤައުމުތަކަށް ކުރުކުރަން އެ ޤައުމުން ނިންމި ނިންމުމުގައި، ރާއްޖެ ހިމެނޭހެން 6 ޤައުމަކަށް ވިސާގެ އިތުރު ލުއިތަކެއް ދޭން ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.
ތައިލެންޑުން 2024 ވަނަ އަހަރު ތަޢާރަފްކުރި 60 ދުވަހުގެ ވިސާ ފްރީ އުސޫލުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސްކޭމްތައް ފަދަ ކުށްތަކަށް އަރައިގަންނާތީ ޤައުމީ ސަލާމަތަށްޓަކައި އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ކުރިން ނިންމީ 93 ޤައުމަށް ދިން 60 ދުވަހުގެ މުއްދަތު އުވާލުމަށެވެ. އެ ބަދަލާއެކު މީގެކުރިން ދިވެހިންނަށް ލިބުނީ 15 ދުވަހުގެ މުއްދަތެކެވެ.
ނަމަވެސް، އަލަށް އެކުލަވާލި އުސޫލުގެ ދަށުން ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް އެތެރެވެވޭ ގޮތަށް 59 ޤައުމެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޚާއްޞަ ލުއި ދިން 6 ޤައުމުގެ ތެރޭގައި ހިމެނިގެން ރާއްޖެ، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މޯލްޓާގެ ރައްޔިތުންނަށް ވެސް މިހާރު ވިސާއާ ނުލައި 30 ދުވަހު ތައިލެންޑުގައި މަޑުކުރެވޭނެއެވެ.
ތައިލެންޑުގެ ވިސާ އުސޫލަށް ގެނައި މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ އެ ޤައުމުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.


