އިންސާނީ ވަސީލަތް ތަރައްޤީކުރަން ޖަޕާނުން 1 މިލިޔަން ޑޮލަރުގެ އެހީއެއް، ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީއެއް؛ ޖަޕާނުގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބޭ

ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭޑީއެސް) ގެ ދަށުން މިއަހަރު ރާއްޖެއަށް ދޭ ސްކޮލަރޝިޕް ފުރުޞަތުތަކާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިޔަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 1.02 މިލިޔަން އެމެރިކާ ޑޮލަރު) ރާއްޖެއަށް ދިނުމަށް ވަނީ ނިންމާފައެވެ. ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

2020 ވަނަ އަހަރުން ފެށިގެން ދެމުންދާ މި އެހީގެ ދަށުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 ދަރިވަރަކު ތަޢުލީމު ނިންމާ ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ދަނީ ޖަޕާނުގައި ކިޔަވަމުންނެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކަމާގުޅޭ ވުޒާރާތަކާއި، ޖަޕާން އެމްބަސީގެ އިތުރުން ޖައިކާ (JICA) ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ