މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ އިތުރު ބޯޓެއް ފްލީޓުން ދޫކޮށްލައިފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމުގެ ސިޔާސަތުގެ ދަށުން، ގިނަ ދުވަސްތަކެއްވަންދެން ބޭނުންކޮށްފައިވާ ޑޭޝް-8 މަރުކައިގެ އިތުރު މަތިންދާބޯޓެއް ފްލީޓުން އުނިކޮށް، އިއްޔެ ރާއްޖެއިން ފޮނުވާލައިފިއެވެ. "ސިއެރާ" ގެ ނަމުން ރޭޑިއޯ ކޯލް ސައިން ދީފައިވާ މި ބޯޓު 14 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ޚިދުމަތްކުރުމަށްފަހު، މިހާރު ވަނީ އުފެއްދި ޤައުމު ކަމަށްވާ ކެނެޑާގެ "ޑި ހެވެލަންޑް" ކުންފުންޏަށް އަނބުރާ ފޮނުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި، މީގެ 26 އަހަރު ކުރިން އުފެއްދި މި ބޯޓު ވަނީ ރާއްޖޭގެ ޚިދުމަތުގައި 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑި ފުރިހަމަކޮށް، 37,000 އަށްވުރެ ގިނަ ފަހަރު ޖައްސާފައެވެ. މި ބޯޓު ފޮނުވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ރިކުއެސްޓް ފޯ ޕްރޮޕޯސަލް މަރުހަލާއަކަށް ފަހުގައެވެ. ވިޔަފާރީގެ ތަފްސީލު ހާމަނުކުރި ނަމަވެސް، ބޯޓު ދާއިމީކޮށް ފްލީޓުން ވަކިވެފައިވާކަން އެއާލައިނުން ކަށަވަރުކޮށްދެއެވެ.

މޯލްޑިވިއަންއިން ވިދާޅުވީ، ދުވަސްވީ ޑޭޝް-8 ބޯޓުތަކުގެ ބަދަލުގައި އައު ޖީލުގެ އޭޓީއާރު މަރުކާގެ ބޯޓުތައް ފްލީޓަށް އިތުރުކުރުމުން ތެލަށް ކުރާ ހޭދަ ކުޑަވެ، ޚިދުމަތްތައް އިތުރަށް ޒަމާނީވެ ތިމާވެއްޓާ ރައްޓެހި ވެގެންދާނެ ކަމަށެވެ. މިހާތަނަށް ގެނައި އޭޓީއާރު ބޯޓުތަކުގެ އިތުރުން، މިއަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ކުރީކޮޅު އިތުރު 2 ބޯޓެއް ފްލީޓަށް އިތުރުކުރުމުގެ މަސައްކަތް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ