ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ރާއްޖޭގެ ފުރަތަމަ "ޝާކް ރިސާޗް ހަބް" ފުވައްމުލަކުގައި ހުޅުވައިފި

މިޔަރުގެ ދިރާސާތައް ކުރުމަށް ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ހުޅުވައިފިއެވެ. އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން އިސްނަގައިގެން ހުޅުވި މި މަރުކަޒު ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢިލް ރަފީގެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ސެންޓަރު މެދުވެރިކޮށް މިޔަރުގެ ދިރާސާތައް ކުރުމާއި، ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކިޔަވައިދިނުމުގެ އިތުރުން، މިޔަރު ހިމާޔަތްކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ. ޖެނުއަރީ 2023 ގައި އުފެއްދި "މިޔަރު ޕްރޮގްރާމް" އިން ދަނީ ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގެ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ޚާއްޞަ ބާވަތްތައް ފެންނަ، ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލެކެވެ. އެ ސިޓީ ދުނިޔޭގެ ފެންވަރުގެ މިޔަރުގެ މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިންގ އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކ ޑައިވިންގ ޑެސްޓިނޭޝަން' އެވޯޑު ވެސް ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ