އަރާމުކުރާއިރު ހިތުގެ ވިންދު ހުންނަ މިންވަރުން ނުރައްކަލެއް ދެނެގަނެވިދާނެބާ؟

ކާޑިއޮލޮޖިސްޓުން ބުނާ ގޮތުގައި، އަރާމުކުރާއިރު ހިތުގެ ވިންދު ހުންނަ މިންވަރަކީ ހަމައެކަނި މީހާގެ ފިޓްނަސް ހުރި މިންވަރު އަންގައިދޭ އެއްޗެއް ނޫނެވެ. އެއީ ކުރިމަގުގައި ހިތުގެ ބައްޔެއް ޖެހިދާނެކަމުގެ ކުރިއާލާ އިންޒާރަކަށް ވެސް ވެދާނެއެވެ. އާންމު ސިއްހީ ޗެކަޕްތަކުގައި މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް، މިއީ ދިގު މުއްދަތަކަށް ހިތުގެ ދުޅަހެޔޮކަން ދެނެގަތުމަށް ބޭނުންކުރެވިދާނެ މުހިންމު މިންގަނޑެއްގެ ގޮތުގައި ޑޮކްޓަރުން މިހާރު އަންނަނީ ބަލަމުންނެވެ.

އަރާމުކުރާއިރު ހިތުގެ ވިންދަކީ ހަށިގަނޑު އެއްވެސް މަސައްކަތެއް ނުކޮށް މަޑުން އޮންނަ އިރު ނުވަތަ އިށީނދެގެން އިންނަ އިރު، މިނެޓަކު ހިތް ޖަހާ މިންވަރެވެ. ބޮޑެތި މީހުންގެ ހިތުގެ ވިންދު އާންމުކޮށް ހުންނަނީ މިނެޓަކު 60 އާއި 100 އާ ދެމެދުގައެވެ. ނަމަވެސް، ދުޅަހެޔޮ ގިނަ މީހުންގެ ވިންދު އާންމުކޮށް ހުންނަނީ 55 އާއި 85 އާ ދެމެދުގައެވެ. ކަސްރަތުކުރާ އެތުލީޓުންގެ ހިތް މާ ފުރިހަމައަށް ލޭ ދައުރުކޮށްދޭތީ، އެމީހުންގެ ވިންދު 40 ގައި ވެސް ހުރެދާނެއެވެ.

ގުރޫގްރާމްގެ ނާރަޔަނާ ހޮސްޕިޓަލުގެ ސީނިއާ ޑައިރެކްޓަރު ޑރ. ހޭމަންތު މަދަން ވިދާޅުވާ ގޮތުގައި، އެއް ފަހަރު ބަލާލާ ބެލުމަކުން ހިތުގެ ދުޅަހެޔޮކަން ކަށަވަރެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ޑޮކްޓަރުން ބަލަނީ ދިގު މުއްދަތެއްގައި ވިންދު ހުންނަ ގޮތަށެވެ. ޚާއްޞަކޮށް، އެއްވެސް ސަބަބަކާ ނުލައި ވިންދު އަބަދު މަތީގައި ހުންނަނަމަ ނުވަތަ ކުއްލިއަކަށް ބަދަލުތަކެއް އަންނަނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ.

އުމުރާއި، ޖިންސާއި، އަދި ހަށިގަނޑުގެ ފިޓްނަސް ހުންނަ ގޮތުން ވިންދު ހުންނަ މިންވަރު ތަފާތުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންގެ އެވްރެޖް ވިންދަކީ 67 އެވެ. އަދި ފިރިހެނުންގެ 64 އެވެ. މީގެ އިތުރުން ސްޓްރެސް، ނިދި މަދުވުން، ކެފެއިން، ނިކޮޓިން، ބައެއް ކަހަލަ ބޭސްތައް އަދި ބަލިވުމުގެ ސަބަބުން ވެސް ވަގުތީ ގޮތުން ވިންދު އަވަސްވެދާނެއެވެ. ހަށިގަނޑުން ފެންމަދުވުމާއި، ގަދަ ހޫނާއި، ވަރުބަލިވުމާއި އަދި ވައި ނުސާފުވުމަކީ ވެސް މީގެ ސަބަބުތަކެވެ.

ނަމަވެސް، އަބަދުވެސް ވިންދު މަތީގައި ހުންނަނަމަ އެއީ ސީރިއަސް މައްސަލައެއްގެ ނިޝާނަކަށް ވެދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިންދު އަބަދު މަތީގައި ހުރުމަކީ ހިތުގެ ބަލިތަކާއި، ލޭމަތިވުމާއި، ސްޓްރޯކް ޖެހުމާއި، ހަކުރު ބަލި އަދި ހާޓް ފެއިލިއާ ފަދަ ކަންކަމަށް އޮތް ނުރައްކަލެކެވެ. ގިނަ ފަހަރަށް މިއީ ހަށިގަނޑުގެ ފިޓްނަސް ދަށްވުމުގެ ސަބަބުން، ހިތުން ލޭ ފޮނުވައިދިނުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭތީ ވާގޮތެކެވެ.

އަނެއްކޮޅުން، ވިންދު މަޑުވުމަކީ އާންމުކޮށް ފިޓްނަސް ރަނގަޅުވުމުގެ ނިޝާނެކެވެ. އެހެންނަމަވެސް، ވިންދު މަޑުވުމާއެކު ބޯއެނބުރުން، ހޭނެތުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނޭވާ ކުރުވުން ނުވަތަ އާންމު ދިރިއުޅުމުގެ ކަންކަން ކުރަން އުނދަގޫވާނަމަ ޑޮކްޓަރަށް ދެއްކުމަށް ލަފާދެއެވެ. ސަބަބެއް ނެތި ކުއްލިއަކަށް ވިންދު ދަށްވުމަކީ ބޭހެއްގެ ނޭދެވޭ އަސަރެއް ނުވަތަ ހިތުގެ އިލެކްޓްރިކަލް ސިސްޓަމްގެ މައްސަލައަކަށް ވެސް ވެދާނެއެވެ.

ސްމާޓްވޮޗް ފަދަ ވަސީލަތްތަކުން ވިންދު ބެލުން މިހާރު ފަސޭހަވެފައިވާއިރު، ދޭތެރެއަކުން އަންނަ ބަދަލުތަކަށްވުރެ ބޮޑަށް، ދިގު މުއްދަތެއްގައި ވިންދު ހުންނަ ގޮތަށް ސަމާލުކަން ދިނުމަށް މާހިރުން އިރުޝާދު ދެއެވެ. ގަވާއިދުން ކަސްރަތުކުރުމާއި، ރަނގަޅަށް ނިދުމާއި، ސްޓްރެސް ކުޑަކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި ބޯކަނޑާ އެއްޗެހިން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އޮތް އެންމެ ފައިދާހުރި މަގެވެ. ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ހަށިގަނޑު އަރާމުކޮށް އޮންނައިރު ހިތް ތެޅޭ މިންވަރަކީ އޭގެ ޒާތުގައި ބައްޔެއް ދެނެގަތުމަށް ހަދާ ޓެސްޓެއް ނޫނެވެ. ނަމަވެސް، އެ މިންވަރު ގަވާއިދުން ބަލަމުންދާނަމަ، އެއީ ސިއްހީ މައްސަލައެއްގެ ކުރީގެ ނިޝާނަކަށް ވެދާނެއެވެ. މީގެ ސަބަބުން، ހިތުގެ ސީރިއަސް ބައްޔެއް ކުރިމަތިވުމުގެ ކުރިން، ދިރިއުޅުމުގެ އާދަތައް ރަނގަޅުކުރުމަށާއި ޑޮކްޓަރެއްގެ ލަފާ ހޯދުމަށް މަގުފަހިވެގެންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ