އިންސާނުންގެ ގައިގައި ފޮރުވިފައި ހުންނަ 6 ވަނަ ހިއްސެއް ސައިންވެރިން ހޯދައިފި

ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެވޭ ގޮތާއި އެކަމަށް ފަރުވާދޭ ގޮތް ބަދަލުކޮށްލަފާނެ ފަދަ، މީގެ ކުރިން މާ ބޮޑަށް އެނގިފައިނުވާ އިންސާނީ ގާބިލިއްޔަތަކަށް ސައިންސްވެރިން އާ އަލިކަމެއް ގެނެސްދީފިއެވެ. "އިންޓެރޯސެޕްޝަން" ގެ ނަމުން ނަންދެވިފައިވާ މި "ހަވަނަ ހިއްސަކީ"، ހަށިގަނޑުގެ އެތެރެއިން އަންނަ ސިގްނަލްތައް ދެނެގަނެ، އެ މާނަކުރުމަށް ސިކުނޑިއަށް އެހީތެރިވެދޭ ހިއްސެކެވެ. މީގެ ސަބަބުން، ހަށިގަނޑުގެ ޖިސްމާނީ އަދި ނަފްސާނީ ބޭނުންތައް ބޭރުފުށުން ފާޅުވުމުގެ މާ ކުރިން، އެކަންކަމަށް އިޖާބަދިނުމަށް މަގުފަހިވެއެވެ.

އާންމުކޮށް އެނގޭ ފަސް ހިއްސު ކަމަށްވާ ފެނުމާއި، އިވުމާއި، ވަސްދުވުމާއި، ރަހަބެލުމާއި އަދި ބީހުމާ ހިލާފަށް، އިންޓެރޯސެޕްޝަން މުޅިންވެސް އަމާޒުވެފައިވަނީ ހަށިގަނޑުގެ އެތެރޭގެ ހާލަތަށެވެ. މީގެ ސަބަބުން ހިތުގެ ވިންދާއި، ނޭވާލުމާއި، ބަނޑުހައިވުމާއި، ކަރުހިއްކުމާއި، ހަށިގަނޑުގެ ހޫނުމިނާއި، ވަރުބަލިކަން އަދި ހަށިގަނޑަށް އަރާމު ބޭނުންވާ މިންވަރު ފަދަ ބަދަލުތައް ދެނެގަތުމުގެ ގާބިލިއްޔަތު އިންސާނާއަށް ލިބިދެއެވެ. މި އެތެރޭގެ ސިގްނަލްތަކަކީ ހަށިގަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށާއި ހަށިގަނޑުގެ ނިޒާމުތައް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އިންޓެރޯސެޕްޝަންގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ދިރާސާވެރިން މިހާރު ދަނީ އިތުރަށް ހޯދަމުންނެވެ. ސައިންސް އެލާޓް އިން ފާހަގަކޮށްފައިވާ ހޯދުންތަކަށް ބަލާއިރު، ހަށިގަނޑުގެ ހާލަތު ދެނެގަތުމަށާއި އެންމެ އެކަށީގެންވާ އިޖާބައެއް ކަނޑައެޅުމަށްޓަކައި، ސިކުނޑިން މެދުނުކެނޑި ހަށިގަނޑުގެ އެތެރެއިން މައުލޫމާތު އެއްކުރެއެވެ. މި ސިގްނަލްތައް ދެނެގަނެވޭ އަދި މާނަކުރެވޭ ސައްހަކަމުގެ މިންވަރުގެ ސަބަބުން، އިންސާނާގެ އިހުސާސްތަކަށާއި، އުޅުމަށާއި އަދި ގޮތް ނިންމުމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އިންޓެރޯސެޕްޝަންގައި ހުންނަ ތަފާތުތަކަކީ އެންޒައިޓީ، ޑިޕްރެޝަން، ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ އަދި ކެއުމުގެ ނިޒާމަށް ޖެހޭ ބަލިތަކާ ގުޅުންހުރި ކަންކަމެވެ. މިސާލަކަށް، އެންޒައިޓީ ތަހައްމަލުކުރާ މީހަކަށް ހިތުގެ ވިންދު އަވަސްވުމުން އެކަން ވަރަށް ބޮޑަށް އިހުސާސް ކުރެވި، އެއީ އެއްވެސް ނުރައްކަލެއް ނެތް ހާލަތެއްގައި ވެސް، ވަގުތުން ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއްގެ ނިޝާނެއްގެ ގޮތުގައި ނުބައިކޮށް މާނަކުރެވިދާނެއެވެ. އަނެއްކޮޅުން، ބައެއް މީހުންނަށް ބަނޑުހައިވުން، ވަރުބަލިވުން ނުވަތަ ސްޓްރެސްވުން ފަދަ ހަށިގަނޑުގެ މުހިންމު ސިގްނަލްތައް ދެނެގަންނަން އުނދަގޫވެއެވެ. މީގެ ސަބަބުން އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ބޭނުންތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމަށް ދަތިވެއެވެ.

ދިރާސާވެރިން ވަނީ "އެނޮރެކްސިއާ ނާވޯސާ" ތަހައްމަލުކުރާ މީހުންގެ އިންޓެރޯސެޕްޝަން ހުންނަ ގޮތް ވެސް ބަލާފައެވެ. ބައެއް ހޯދުންތަކުން ދައްކާގޮތުގައި، ބަލިން ރަނގަޅުވެ ހަށިގަނޑުގެ ބަރުދަން ހަމައަކަށް އެޅުމަށްފަހު ވެސް، ބައެއް މީހުންނަށް ބަނޑުހައިވުމުގެ އިހުސާސްތައް ދެނެގަންނަން އުނދަގޫވެއެވެ. މިއިން ދޭހަވަނީ ހަށިގަނޑުގެ އެތެރޭގެ ސިގްނަލްތައް ސިކުނޑިން ޕްރޮސެސްކުރާ ގޮތަށް އައިސްފައިވާ ބަދަލު އެގޮތުގައި ދެމިއޮވެދާނެ ކަމެވެ. އަދި މިއީ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދު އޮތް ކޮމްޕްލެކްސް ގުޅުން ހާމަކޮށްދޭ ކަމެކެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ހަށިގަނޑުގެ އެތެރޭގެ މި އިހުސާސްތަކަށް ހޭލުންތެރިވުން އިތުރުކުރުމަކީ ކުރިމަގުގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ މުހިންމު ބަޔަކަށް ވެގެންދާނެއެވެ. ނޭވާލުމަށާއި، ހިތުގެ ވިންދަށް ނުވަތަ ހަށިގަނޑުގެ އެހެން އިހުސާސްތަކަށް ސަމާލުކަން ދިނުމަށް ހިތްވަރުދޭ ތެރަޕީތަކުގެ ސަބަބުން، އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރުމަށާއި އާންމު ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެހީތެރިވެދީފާނެއެވެ. ނަމަވެސް، މިފަދަ ގޮތްތަކަކީ ކްލިނިކަލް ފަރުވާގެ މިންގަނޑަކަށް ހެދުމުގެ ކުރިން، އިތުރު ސައިންޓިފިކް ހެކި ބޭނުންވާނެ ކަމަށް ދިރާސާވެރިން އިންޒާރުދެއެވެ.

އިންޓެރޯސެޕްޝަނަކީ ވަކި އެއް ހިއްސެއްގެ ގޮތުގައި ބަލާނީތޯ ނުވަތަ އެއީ ހަށިގަނޑުގެ އެތެރޭގެ މާހައުލު ބަލަހައްޓާ، އެކަކު އަނެކަކާ ގުޅިފައިވާ ގިނަ މަސައްކަތްތަކެއްގެ މަޖުމޫއާއެއްގެ ގޮތުގައި ބަލާނީތޯ، މިކަމާ މެދު މާހިރުންގެ މެދުގައި އަދިވެސް ބަހުސްތައް ދަނީ ކުރެވެމުންނެވެ.ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހަށިގަނޑުގެ އެތެރޭގެ މި ސިގްނަލްތަކަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭ އެއްޗެއްކަމަށް ދިރާސާވެރިން ބޮޑަށް އެއްބަސްވެއެވެ.

މި ދިރާސާތައް ކުރިއަށްދާއިރު، 'އިންޓަރޯސެޕްޝަން' ނުވަތަ ހަށިގަނޑުގެ އެތެރޭގެ އިޙްސާސްތަކާ ބެހޭގޮތުން ފުންކޮށް ދެނެގަތުމަކީ، ނަފްސާނީ ބަލިތައް ދެނެގަތުމާއި ފަރުވާދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ. ކުރިން މާބޮޑު ސަމާލުކަމެއް ނުދެވި އޮތް މި ބަޔޮލޮޖިކަލް މަރުޙަލާއަކީ، އިންސާނުންނަށް ލިބިފައިވާ އެންމެ މުހިންމު އެއް އިޙްސާސް ކަމުގައި ވެދާނެއެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމާއި މުޅި ހަށިގަނޑުގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ