އުމުރާއެކު ހިތަށް އަންނަ ބަދަލުތަކާއި މެދު ކުރެވޭނެ ކަންތައްތައް

ދުނިޔޭގައިވެސް މަރުވާ މީހުންގެ މަރުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ އަދިވެސް ހިތުގެ ބަލިތަކެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ މީހުންނާ އަޅާބަލާއިރު، އިންޑިއާ ސަރަހައްދުގެ މީހުންނަށް ގާތްގަނޑަކަށް ދިހަ އަހަރު ކުރިން ހިތުގެ މައްސަލަތައް ކުރިމަތިވާކަމަށް ޑޮކްޓަރުން އިންޒާރުދެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހިތުގެ ދުޅަހެޔޮކަން މުހިންމުވަނީ އުމުރުން ދުވަސްވުމުންނެވެ. ނަމަވެސް މާހިރުން ބުނާގޮތުގައި ދުޅަހެޔޮ ހިތަކަށް ބޭނުންވާ ބިންގާ އެޅެން ފަށަނީ މާ ކުރިންނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، އުމުރާ ގުޅޭ އާދަތައް އަށަގަންނުވައިފިނަމަ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވި، މުޅި އުމުރަށް ހިތް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

އުމުރުން 20 ގެ އަހަރުތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ވަރުގަދަ ބިންގަލެއް އެޅުމަށެވެ. ޒުވާން އުމުރުގައި ގިނަ މީހުންނަށް އެއީ ދުޅަހެޔޮ ދުވަސްވަރެއް ކަމަށް އިހުސާސް ކުރެވުނު ނަމަވެސް، ލޭހޮޅިތަކަށް ލިބޭ ގެއްލުންތައް މި އުމުރުގައި ފެށިދާނެއެވެ. އާއިލީ ގޮތުން ވާރުތަވާ ކޮލެސްޓްރޯލްގެ މައްސަލަތައް ނުވަތަ ލޭހޮޅިތަކުގައި ސަރުބީ ހަރުލަން ފަށާފައިވޭތޯ ބެލުމަށްޓަކައި، 20 ގެ ކުރީކޮޅުގައި ކޮލެސްޓްރޯލް ޓެސްޓެއް ހެދުމަށް މާހިރުން ލަފާދެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ވޭޕްކުރުމާއި، ހަކުރު ގިނަ ބުއިންތައް ބޭނުންކުރުމަކީ ލޭހޮޅިތަކަށް ގެއްލުންދީ، ކުރިމަގުގައި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަންކަމެވެ. ގަވާއިދުން ކަސްރަތުކުރުންވެސް އެހާމެ މުހިންމެވެ. ހަފުތާއަކު މަދުވެގެން 150 މިނެޓުގެ މެދު މިންވަރެއްގެ ކަސްރަތު ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ސަބަބަކީ ގިނަވަގުތު އިށީނދެގެން ތިބުމުން ލިބޭ ގެއްލުން، ހަމައެކަނި ބަންދު ދުވަސްތަކުގައި ކުރާ ކަސްރަތަކުން ފޫނުބެއްދޭނެތީއެވެ.

އުމުރުން 30 ގެ އަހަރުތަކަކީ އާންމުކޮށް ވަޒީފާގެ ބުރަކަމާއި، އާއިލީ ޒިންމާތަކާއި، ސްޓްރެސް ނުވަތަ ނަފްސާނީ ފިއްތުންތައް އިތުރުވާ ދުވަސްވަރެކެވެ. މި ދުވަސްވަރު ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން ކޮންމެހެން މުހިންމެވެ. ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި، 30 ގެ އަހަރުތަކުގައި ސިސްޓޮލިކް ބްލަޑް ޕްރެޝަރު 10 ޕޮއިންޓް އިތުރުވިޔަސް، ފަހުގެ އުމުރުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެއެވެ. ލޭގެ ޕްރެޝަރު 120/80 mmHg ގައި ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. މީގެ އިތުރުން، ބޭރުފުށުން ހިކިކޮށް ފެނުނަސް ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގައި ނުރައްކާތެރި ސަރުބީ ޖަހާފައި ހުންނަ  ހާލަތަށް ސަމާލުވުމަށް މާހިރުން އިންޒާރުދެއެވެ. ހިތުގެ ދުޅަހެޔޮކަމަށް އަސަރުކުރުމުގެ ކުރިން، ހަކުރު ބަލީގެ ކުރީގެ ނިޝާންތައް ދެނެގަތުމަށްޓަކައި ކޮންމެ އަހަރަކު ބްލަޑް ޝުގަރ ޓެސްޓް (ފާސްޓިންގ ގްލޫކޯޒް ނުވަތަ HbA1c) ހެދުން މުހިންމެވެ.

އުމުރުން 40 ގެ އަހަރުތަކަށް ދާއިރު، ބޭރުފުށުން ދުޅަހެޔޮކޮށް ފެންނަ ގިނަ މީހުންނަށް ކުއްލި ހިތުގެ މައްސަލަތައް ކުރިމަތިވެއެވެ. ޑޮކްޓަރުން ބުނާގޮތުގައި މީގެ ސަބަބަކީ ގިނަ ދުވަސްވީ ސްޓްރެސްއާއި، ނިދި މަދުވުމާއި، ކޯޓިސޯލް ހޯރމޯން މަތިވުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަނެވެ. މާހިރުން ލަފާދެނީ ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ފެންވަރު ރަނގަޅު ނިދި ހޯދުމަށާއި ސްޓްރެސް މެނޭޖްކުރަން ދަސްކުރުމަށެވެ. އާދައިގެ ކޮލެސްޓްރޯލް ޓެސްޓަކުން ހުރިހާ ނުރައްކަލެއް ނޭނގިދާނެތީ، ކެކް ސްކޯރިންގ ނުވަތަ އެޗްއެސް ސީއާރްޕީ ފަދަ ކުރިއަރާފައިވާ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެއެވެ. އަދި ހަށިގަނޑު ތައްޔާރުނުކޮށް ކުއްލިއަކަށް ބުރަ ކަސްރަތުތައް ފެށުމާ މެދުވެސް އެފަރާތްތަކުން އިންޒާރުދެއެވެ.

އުމުރުން 50 އަހަރުން މަތިވުމުން، ސަމާލުކަން ދޭންޖެހޭނީ ދިގު މުއްދަތަކަށް ހިތުގެ މަސައްކަތްތައް ދެމެހެއްޓުމަށާއި އުމުރާ ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލުތަކަށް ހޭނުމަށެވެ. ހާއްސަކޮށް އަންހެނުންނަށް، އިއްދައިން ކެނޑުމަށްފަހު އެސްޓްރޯޖަން ލެވެލް ދަށްވުމުން ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވެއެވެ. އަދި މި އުމުރުގައި ހާޓް އެޓޭކް ޖެހުމުން މޭގައި ރިއްސުމުގެ ބަދަލުގައި، ދަތްދޮޅީގައި ރިއްސުން، ވަރުބަލިވުން، ބުރަކަށީގެ މަތީބައިގައި ރިއްސުން، ދާހިއްލުން ނުވަތަ ނޭވާ ކުރުވުން ފަދަ އާދަޔާ ހިލާފު އަލާމާތްތައް ފެނިދާނެއެވެ.ލޭގެ ޕްރެޝަރު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ލޭހިނގާ ހޮޅިތަކުގެ އިލާސްޓިސިޓީ ދެމެހެއްޓުމަށްޓަކައި، ޕޮޓޭސިއަމް ގިނަ، ސޯޑިއަމް މަދު، ތަރުކާރީއާއި، މުގުގެ ބާވަތްތަކާއި، ސިއްހަތަށް ފައިދާހުރި ފެޓްސް އަދި ޕްރޮސެސްކޮށްފައިވާ މިންވަރު މަދު ކާނާ ހިމެނޭ ޑައިޓެއް އިޚްތިޔާރުކުރުމަށް މާހިރުން ލަފާދެއްވައެވެ.

ޑޮކްޓަރުން ބާރުއަޅުއްވަނީ ހިތުގެ ދުޅަހެޔޮކަމަކީ ކޮންމެ ދުވަހަކުވެސް ބަހައްޓާ އެއްގޮތް އާދަތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްގެ ގޮތުގައެވެ. ތިމާގެ ސިއްހީ ނަންބަރުތައް ، އެހެނީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ފަދަ މިންގަނޑުތައް ދެނެގަތުމާއި، ބަލިޖެހުމަށް މަގުފަހިވާ ކަންކަން ދެނެގަތުމާއި، އަދި އުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ، ކުރިއަށް އޮތް އެތައް އަހަރަކަށް ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ