ހާބަލް ސައިން ފެށިގެން ހޫނު ކިރާ ހަމައަށް ހުރިހާ އެއްޗެއް ބޭނުންކޮށްގެން ވެސް ނިދަން އުނދަގޫވޭ ހެއްޔެވެ؟ ރެޖިސްޓަރީކޮށްފައިވާ ގިނަ އަދަދެއްގެ ޑައެޓީޝަނުން ބުނާ ގޮތުގައި، ނިދުމުގެ ކުރިން ބޯން އެންމެ ރަނގަޅު އެއް ބުއިމަކީ "ޓާޓް ޗެރީ ޖޫސް" އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން މި ބުއިން ބޭނުންކުރުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދީ، ގިނަ އިރު ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކާނާއާ ބެހޭ މާހިރުން ކަމަށްވާ ޖެކީ ނިއުޖެންޓް އަދި މެކެންޒީ ބާޖަސް ލަފާދޭ ގޮތުގައި، ސިއްހަތަށް ފައިދާހުރި ގޮތެއްގައި ރޭގަނޑު ނިދުމުގެ އާދައިގެ ތެރޭގައި ޓާޓް ޗެރީ ޖޫސް ހިމެނިދާނެއެވެ. މިއީ ނިދިނައުމުގެ ބައްޔަށް އޮތް މުުޖިޒާތެއް ފަދަ ފަރުވާއަކަށް ނުވި ނަމަވެސް، ގަވާއިދުން މި ބޭނުންކުރުމުން ނިދުމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދިރާސާތަކުން ދައްކައެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ނިދުމުގެ އުނދަގޫ ހުންނަ މީހުންނަށް މީގެ ފައިދާ ބޮޑެވެ.
ޓާޓް ޗެރީ ޖޫސް ހާއްސަވަނީ ކީއްވެ؟
މީގެ އެންމެ ބޮޑު އެއް ސަބަބަކީ އޭގައި ގުދުރަތީ ގޮތުން އެކުލެވޭ "މެލަޓޯނިން" އެވެ. މެލަޓޯނިން އަކީ ހަށިގަނޑުގެ ނިދުމާއި ހޭލުމުގެ ބުރު ކޮންޓްރޯލްކޮށްދޭ ހޯރމޯންއެވެ. ނިދުމުގެ ކުރިން ޓާޓް ޗެރީ ޖޫސް ބުއިމުން ހަށިގަނޑުގައި މެލަޓޯނިން ހުންނަ މިންވަރު އިތުރުވެ، އަވަހަށް ނިދުމަށާއި ގިނަ އިރު ނިދިފައި އޮތުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން، މި ބުއިމުގައި ހުންނަ އެންޓިއޮކްސިޑެންޓްތަކަކީ ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޓާޓް ޗެރީގައި ހުންނަ "ޕްރޯސިއަނިޑިންސް" ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ނިދުމަށް އެހީތެރިވެދޭ ކެމިކަލްތައް ކަމަށްވާ ސެރޮޓޯނިން އަދި މެލަޓޯނިން އުފެއްދުމަށް ބޭނުންވާ "ޓްރިޕްޓޯފޭން" ހަށިގަނޑުގައި ދަމަހައްޓައިދެއެވެ.
މާހިރުން ބުނާ ގޮތުގައި އެންމެ މުހިންމީ ގަވާއިދުން މި ބޭނުންކުރުމެވެ. ދޭތެރެއަކުން ބުއިމަށްވުރެ ކޮންމެ ރެއަކު ބުއިމުން ލިބޭ ފައިދާ ބޮޑެވެ. ގިނަ ދިރާސާތައް ބިނާވެފައިވަނީ "100% މޮންޓްމޮރެންސީ ޓާޓް ޗެރީ ޖޫސް" އަށެވެ. އެހެންކަމުން، މި ބާވަތުގެ ޖޫސް އިޚްތިޔާރުކުރުމަށާއި، ހަކުރު ގިނައިން އަޅާފައި ހުންނަ ޖޫސްތަކާ ދުރުހެލިވުމަށް މާހިރުން ލަފާދެއެވެ.
މި ޖޫސް މާ ހުތްކަމަށް ފެންނަ މީހުންނަށް، މިއީ ހިތްހަމަޖެހޭ ފަދަ ރޭގަނޑުގެ އާދައަކަށް ބަދަލުކޮށްލެވިދާނެއެވެ. މިހާރު މަޝްހޫރުވެފައިވާ "ސްލީޕީ ގާލް މޮކްޓެއިލް" އަކީ ޓާޓް ޗެރީ ޖޫސް، ސޯޑާ ފަދަ ބުއިންތަކާއި މެގްނީޒިއަމް ޕައުޑަރާ އެއްކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ.
ނިދުމަށް އެހީތެރިވުމުގެ އިތުރުން، ޓާޓް ޗެރީ ޖޫހަކީ މޭވާގެ ފައިދާ ލިބިދޭ އަދި އާންމު ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ ބުއިމެކެވެ.
ނަމަވެސް، މާހިރުން އިންޒާރުދޭ ގޮތުގައި މި ބުއިމުގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނީ ނިދުމުގެ ރަނގަޅު އާދަތަކާ އެކުގައެވެ. ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދަން އާދަކުރުމާއި، ނިދުމުގެ ކުރިން ފޯނު ފަދަ ތަކެތި ބޭނުންކުރުން މަދުކުރުމާއި، ހަވީރުގެ ވަގުތުތަކުގައި ކެފެއިން ބޭނުންކުރުން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
އެއްވެސް ބުއިމަކީ ދާއިމީކޮށް ނިދިނައުމުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލު ނޫން ކަމުގައި ވިޔަސް، ޓާޓް ޗެރީ ޖޫހަކީ ސައިންޓިފިކް ހެކިތަކުން ސާބިތުވާ، ނިދުމަށް އެހީތެރިވެދޭ މަދު ގުދުރަތީ ބުއިންތަކުގެ ތެރެއިން އެއް ބުއިމެވެ. ނިދި ރަނގަޅުކުރުމަށްޓަކައި ކާނާގެ ޒަރީއާއިން މަޑުމައިތިރި ހައްލެއް ހޯދަން ބޭނުންވާ ކޮންމެ މީހަކަށްވެސް، ރޭގަނޑުގެ އާދައެއްގެ ގޮތުގައި މި ބުއިން ބޭނުންކުރުމަކީ ފައިދާހުރި ކަމަކަށް ވެދާނެއެވެ.


