ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ މުދާ ބެލްޖިއަމްއަށް އެތެރެކުރުން މަނާކުރުމަށް އެ ޤައުމުގެ މައި ސަރުކާރުން ނިންމައިފިއެވެ. ބެލްޖިއަމްގެ މި ނިންމުމަކީ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ މިދިޔަ އަހަރު ވެފައިވާ ވަޢުދާ އެއްގޮތަށް، ހޫނު މޫސުމުގެ ކުރިން ބޭއްވި އެންމެ ފަހު ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުމެކެވެ.
ވިލާތުގެ އިއްތިޙާދުން (އީޔޫ) މި މައްސަލާގައި އަދި ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، ބެލްޖިއަމް ވެގެން ގޮސްފައިވަނީ އީޔޫގެ ނިންމުމަކަށް މަޑުނުކޮށް ވަކިން ފިޔަވަޅު އެޅި ޤައުމުތަކުގެ ލިސްޓަށް އިތުރުވި ޤައުމަކަށެވެ. މީގެ ކުރިން ސްޕެއިންއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި، ނެދަލެންޑްސްއިން މި އަހަރުގެ މެއި މަހު، އަދި އަޔަލެންޑުގެ މަޖިލީހުން ޖުލައި 15 ގައި މިފަދަ ނިންމުންތައް ނިންމާފައިވެއެވެ. ސްލޮވީނިޔާއިން ވެސް ވަނީ މީގެ ކުރިން މި ފިޔަވަޅު އަޅާފައެވެ.
ޔަހޫދީންގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ވިލާތުގެ އިއްތިޙާދެވެ. ޔަހޫދީން އެކްސްޕޯޓުކުރާ މުދަލުގެ 30 އިންސައްތަ (ތިންބައިކުޅަ އެއްބައި) ޙިއްޞާކުރަނީ އީޔޫއިން ކަމަށްވާއިރު، މިދިޔަ އަހަރު އެކަނިވެސް 49 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. އީޔޫގެ ކުރީގެ 5 ލީޑަރަކު (އިޓަލީގެ ކުރީގެ ބޮޑުވަޒީރު އެންރިކޯ ލެއްތައާއި ޖަރުމަނުގެ ކުރީގެ ޗާންސެލަރު ސިގްމާރ ގެބްރިއެލް ހިމެނޭހެން) ވިދާޅުވާގޮތުގައި، ވަކިވަކި ޤައުމުތަކުން ފިޔަވަޅު އެޅުމަށްވުރެ މުޅި އިއްތިޙާދުން މި ބާވަތުގެ މުދާ މަނާކުރުމުން އޭގެ ބުރަދަން ބޮޑުވާނެއެވެ. ސަބަބަކީ އީޔޫގެ އެއް ޤައުމެއްގެ ކަސްޓަމްސްއިން ފާސްވާ މުދާ، އެހެން ޤައުމުތަކަށް ހުރަހެއްނެތި އެތެރެކުރެވޭތީއެވެ.
ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރއިން މި އަހަރު ކުރި ތަހުޤީޤެއްގައި ވިލާތަށް ފޮނުވި ދަނޑުވެރިކަމުގެ 30,000 ޝިޕްމަންޓް ބެލިބެލުމުން އެނގުނުގޮތުގައި، ކޮންމެ ހަ ޝިޕްމަންޓަކުން އެއް ޝިޕްމަންޓަކީ (ނުވަތަ ވިލާތަށްދާ ކޮންމެ ފަސް ޝިޕްމަންޓަކުން އެއް ޝިޕްމަންޓަކީ) ހުޅަނގު އައްސޭރިއާއި ޖައުލާން އުސްބިންތަކުން އެތެރެކުރާ މުދަލެވެ. އަދި ޔަހޫދީން ވަނީ އެ މުދަލަކީ ކޮންތާކުން އުފެއްދި އެއްޗެއްކަން އޮޅުވާލަން މަސައްކަތްކޮށްފައިވާކަން ވެސް އެ ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.


