އީރާނުގެ ހަރްމުޛްޖާން ޕްރޮވިންސްގެ ބަނދަރު ރަށެއް ކަމަށްވާ ޖާސްކްގައި ހުރި ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ދިން ޙަމަލާއާ ގުޅިގެން ފެނުގެ ޚިދުމަތް ކެނޑުނު 20 އަވަށެއްގެ 10,000 އެއްހާ ރައްޔިތުންނަށް ކުއްލި ޙާލަތުގައި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) އިން ޖާސްކްގެ ގަވަރުނަރު މުޙައްމަދު ޖަމާލުއްދީނީއާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، މިހާރު ފެން ފޯރުކޮށްދެމުންދަނީ އެހެނިހެން ވަސީލަތްތަކާއި މޮބައިލް ޓޭންކަރުތައް ބޭނުންކޮށްގެންނެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، ހުކުރު ދުވަހުގެ ރޭ އެމެރިކާއިން ދިން މި ޙަމަލާގެ ސަބަބުން ހަލާކުވި ފެން ޕްލާންޓް މަރާމާތުކޮށް، ކުރިއަށް އޮތް އެއް ހަފުތާގެ ތެރޭގައި އެ ސަރަޙައްދަށް ދާއިމީކޮށް ފެނުގެ ޚިދުމަތް އަލުން އިޢާދަކުރެވޭނެއެވެ.


