ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އެއް އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ ޚާއްޞަ އުމްރާ ވިސާއެއް ސައުދީން ތަޢާރަފުކޮށްފި

ސައުދީ އަރަބިއްޔާއަށް އެކި ފަހަރު މަތިން އެތެރެވޭ ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ޚާއްޞަ އުމްރާ ވިސާއެއް ސައުދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ތަޢާރަފުކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މިއީ އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ސައުދީ "ވިޝަން 2030″ އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ނިންމި މުހިންމު ނިންމުމެކެވެ.

އައު ވިސާގެ މުހިންމު ޝަރުތުތަކާއި ތަފްޞީލު:

  • މުއްދަތު: ވިސާ ދޫކުރާ ތާރީޚުން ފެށިގެން 365 ދުވަސް (އެއް އަހަރު) ނިޔަލަށް ސައުދީއަށް އެތެރެވުމުގެ ޙައްޤު ލިބޭނެއެވެ.

  • ތިބެވޭނެ މުއްދަތު: އެކި ފަހަރު މަތިން ސައުދީއަށް އެތެރެވުނު ނަމަވެސް، އެއްފަހަރާ މެދުނުކެނޑި ތިބެވޭނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށެވެ.

  • ޚިދުމަތް ހޯދުން: ކޮންމެ ދަތުރަކަށް ވެސް "ނުސުކް" (Nusuk) ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްތަކުގެ ޕެކޭޖެއް ގަންނަންޖެހޭނެއެވެ. އަދި އެތެރެވުމުގެ ކުރިން "ނުސުކް" އެޕް މެދުވެރިކޮށް އުމްރާވުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

  • ވިސާ އެކްޓިވޭޓްވުން: ކޮންމެ ދަތުރެއް ނިންމައި ފުރައިގެން ދިއުމުން ވިސާ ޑީއެކްޓިވޭޓްވާނެއެވެ. އަދި ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ހަމަކުރުމުން އަލުން އެކްޓިވޭޓްވާނެއެވެ.

  • ޙައްޖު މޫސުން: މި ވިސާގެ ދަށުން ޙައްޖު މޫސުމުގެ ދުވަސްވަރު ސައުދީއަކަށް އެތެރެއެއް ނުވެވޭނެއެވެ. އެގޮތުން ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްޤައިދާ މަހުގެ 1 އިން ފެށިގެން ޒުލްޙިއްޖާ މަހުގެ 13 ގެ ނިޔަލަށް މި ވިސާގެ ޚިދުމަތް މެދުކަނޑާލާނެއެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން އުމްރާ ދަތުރުތައް ރޭވުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު، މިހާރު ހިނގަމުންދާ ސްކޫލް ޗުއްޓީއާ ދިމާކޮށް މި ޖުލައި މަހު އެކަނިވެސް ރާއްޖެއިން 4,000 އަށްވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ