ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާފަންނު ފުޓްސަލް ދަނޑުހުޅުވައިދެއްވައިފިއެވެ. މި ދަނޑު ހުޅުވާފައިވަނީ އެކަމަކަށްޓަކައި މާފަންނު ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.
މި ދަނޑު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއް ކަމަށެވެ. އެހެންކަމުން މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މާފަންނު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި.
މިރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާ މެންބަރު މުސްތަފާ އިބްރާހިމް އާއި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން… pic.twitter.com/MsoJTO6ggi
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) July 19, 2026
އައު ދަނޑެއްގެ ގޮތުގައި މި ދަނޑު މާފަންނުގެ ޒުވާނުންނަށް ލިބޭއިރު، ދޭން ބޭނުންވާ މުހިންމު މެސެޖަކީ، ގިނަ ދުވަސްތަކެއް ވަންދެން މި ދަނޑު ބޭނުން ކުރެވޭނީވެސް ފަރުދީ ޒިންމާތައް އަދާކޮށްގެން ކަމަށާއި މިގޮތުން އެންމެންވެސް ދަނޑުގެ ރައްކާތެރި ކަމަށް އިސްކަންދީ ގިނަ ދުވަހު މި ދަނޑުގެ ބޭނުން ހިފޭނެ ގޮތަށް މަސައްކަތްކޮށް ދިނުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމަށް ބަންދުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތް ފުރިހަމަކުރުމަށްފަހު މިމަހުގެ ހަތަރު ވަނަ ދުވަހު އާުރުޑީސީން ވަނީ ދަނޑު ހަވާލުކޮށްފައެވެ.


