އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކުރި "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.
އެމްސީޖީއެޗުން މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް ޖުމްލަ 23,847 އައިނު ހެއްދުމަށް އޯޑަރު ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ އައިނު ތައްޔާރުކޮށް މިހާރު ވަނީ ވެސް ހަވާލުކޮށްފައެވެ.
މި ޚިދުމަތް މިހާތަނަށް ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައެވެ.
ހޮސްޕިޓަލްތަކުގެ ތަފާސްހިސާބު:
-
އައިޖީއެމްއެޗް: 13,595 އޯޑަރުގެ ތެރެއިން 12,507 އައިނު ދޫކޮށްފި.
-
ހުޅުމާލެ ހޮސްޕިޓަލް: 8,934 އޯޑަރުގެ ތެރެއިން 8,247 އައިނު ދޫކޮށްފި.
-
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ދޫކޮށްފި.
-
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ދޫކޮށްފި.
މިއީ ރައްޔިތުންގެ ޖީބަށް ލުއިވާނެހެން އައިނު ހެއްދޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފެށި ޚިދުމަތެކެވެ. މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، 15 ޖެނުއަރީ 2026 އިން ފެށިގެން އާސަންދައިގެ ދަށުން ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުން (އޭޑީކޭ، އައިކެއާ، އެޑްވާންސް އައި ކްލިނިކް، ސިޓީ އޮޕްޓިކަލް، ވިޜަން ކްލިނިކް އަދި ސިނަހިޔާ ހިމެނޭހެން) ވެސް އުސޫލުގެ ދަށުން އައިނު ހެދޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން، ކުރިން އައިނު ހައްދަން ދެއަހަރުން އެއްއަހަރު ދެމުންދިޔަ 1,000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ސަރުކާރުން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.


