އިންޑިއާގައި ބާއްވާ "4 ވަނަ އިންޑިއާ – އޭޝިއާ ބިޒްނަސް ކޮންކްލޭވް 2026″ އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026″ ގައި ބައިވެރިވުމުގެ ފުރުޞަތު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމުން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މި ޖުލައި 31 އިން އޯގަސްޓް 1 ގެ ނިޔަލަށް އިންޑިއާގެ ހައިދަރުއާބާދުގައެވެ.
ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެކްސްޕޯއަކީ އޭޝިއާ ސަރަޙައްދުގެ ބައިނަލްއަޤުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ މުހިންމު ޕްލެޓްފޯމެކެވެ. މިއެކްސްޕޯގައި އިންޑިއާގެ 500 އަށްވުރެ ގިނަ ކުންފުނިތަކާއި، އޭޝިއާ ސަރަޙައްދުގެ 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިންނާއި، ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކާއި ޑިޕްލޮމެޓުން ބައިވެރިވާނެއެވެ.
މި ކޮންކްލޭވްގެ ތެރެއިން ބައިވެރިންނަށް:
-
ނެޓްވޯކިންގ އާއި އިންވެސްޓްމަންޓް: ވިޔަފާރި ނެޓްވޯކިންގ، ޖޮއިންޓް ވެންޗަރ ފުރުޞަތުތައް އަދި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުން.
-
ބައްދަލުވުންތައް: އިންޑިއާގެ މެނުފެކްޗަރުން، އެކްސްޕޯޓަރުން/އިމްޕޯޓަރުން، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް އަދި އިންވެސްޓަރުންނާ ސީދާ ބައްދަލުކުރުން.
-
އުފެއްދުންތައް ދައްކާލުން: ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތްތައް ބައިނަލްއަޤުވާމީ ފަރާތްތަކަށް އިޝްތިހާރުކުރުން.
މީގެ އިތުރުން ފަތުރުވެރިކަން، ރިނިއުއަބަލް އެނަރޖީ، އިންފްރާސްޓްރަކްޗަރ، ފުޑް ޕްރޮސެސިންގ، ހެލްތުކެއަރ، ޓެކްނޮލޮޖީ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.


