ސަޢުދީ ޢަރަބިއްޔާގައި އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނިއުކްލިޔަރ ރިއެކްޓަރުތައް ބިނާކުރުމަށާއި، ޔޫރޭނިއަމް މުއްސަނދިކުރުމަށް މަގުފަހިވާ ތާރީޚީ އެއްބަސްވުމެއްގައި އެމެރިކާއާއި ސަޢުދީއާ ދެމެދު ސޮއިކުރުމާއެކު އިސްރާއީލުގެ ސިޔާސީ ވެރިންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.
ސަޢުދީގެ މަދަނީ ނިއުކްލިޔަރ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މި ވަރުގަދަ ފިޔަވަޅަކީ އެމެރިކާގެ ކޮންގްރެސްގެ ރުހުން ބޭނުންވާ އެއްބަސްވުމެކެވެ. މިއީ ސަޢުދީ ޢަރަބިއްޔާގެ ހަކަތައާއި އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ލިބިގެންދިޔަ ތާރީޚީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މާހިރުން ފާހަގަކުރެއެވެ.
މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ އިދިކޮޅު ލީޑަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި، ކުރީގެ ދިފާޢީ ވަޒީރު އަވިގްޑޯ ލީބަރމަންގެ އިތުރުން ކުރީގެ އަސްކަރީ ވެރިޔާ ބެނީ ގެންޓްޒް ފާހަގަކުރި ގޮތުގައި، ސަޢުދީއަށް ނިއުކްލިޔަރ ޤާބިލުކަން ލިބުމަކީ އިސްރާއީލުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ވަކިން ޚާއްޞަކޮށް، އިސްރާއީލާ ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެއްވެސް ޝަރުތަކާ ނުލައި، އެމެރިކާއިން ސަޢުދީއަށް މިފަދަ ފުރުޞަތެއް ދިނުމަކީ އިސްރާއީލުގެ ސަލާމަތީ އޮނިގަނޑަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ބުނެ، ކޮންގްރެސް މެދުވެރިކޮށް މި އެއްބަސްވުން ހުއްޓުވަންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.


