ދީނީ، ތަޢުލީމީ އަދި ޢިލްމީ ދާއިރާއިން ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިޞްރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލުކުރެއްވި އިބްރާހީމް ރަޝީދު މޫސާއަކީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމާއި، އެ މުއައްސަސާ މެދުވެރިކޮށް ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.
އިސްލާމީ ދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 50 އަށްވުރެ ގިނަ ފޮތް ތަޞްނީފު ކުރައްވައި، 11 ފޮތެއް ތަރުޖަމާ ކުރެއްވުމުގެ އިތުރުން "މުޙައްމަދު ރަސޫލުﷲ" ސިލްސިލާއާއި "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" ފަދަ މަޤްބޫލު އެތައް ދީނީ ޕްރޮގްރާމްތަކެއް އެމަނިކުފާނު ވަނީ ތައްޔާރުކޮށްދެއްވާފައެވެ.
މީގެއިތުރުން، ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް ރަޝީދު މޫސާ އެންމެ ފަހުން ފުރުއްވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަމުގެ މަޤާމެވެ.


