ޓޫރިޒަމްގެ ބޭނުމަށް ސައުދީޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ޤައުމަށް ދެވޭނެ ގޮތް އިއްޔެ ހަމަޖައްސައިދީފިއެވެ.
ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށް ދަތުރުކުރުމަށް ވިސާގެ ލުއި އިތުރު 8 ގައުމަކަށް ދޭން ނިންމާފައިވާ ކަމަށާއި، ރާއްޖެ ހިމެނޭ ގޮތަށް، އަލްބާމާ އާއި އާޒަރުބައިޖާނާއި ޖޯޖިއާ އާއި ކުރިގިސްތާނާއި ސައުތު އެފްރިކާ އާއި ތަޖަކިސްތާން އަދި އުޒުބެކިސްތާނު ކަމަށް ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ހާމަކޮށްފައިވެއެވެ.
ރާއްޖެ ހިމެނޭހެން، އެ ޤައުމުތަކަށް، ސައުދީން ޓޫރިސްޓުންނަށް ދޫކުރާ "ވިސިޓާ ވިސާ" އޮންލައިންކޮށް އަދި އޮން-އެރައިވަލްގައި ވެސް ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ވިޒިޓާ ވިސާގެ ދަށުން، ޓޫރިޒަމްއާއި، އުމްރާގެ އަޅުކަމާއި، ވިޔަފާރި ބޭނުންތަކަށާއި، އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުމަށް ހުއްދަކުރެވިފައިވެއެވެ
އެ އިއުލާނުގައިވާ ގޮތުން، އެ ވިސާގެ ދަށުން ޙައްޖުގެ އަޅުކަން އަދާ ކުރުމަކަށް ނުދެވޭނެއެވެ. އަދި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަން ވެސް އަދާއެއް ނުކުރެވޭނެއެވެ.
މީގެއިތުރުން، އެއްވެސް ތަނެއްގައި އުޖޫރު ލިބޭ ގޮތަށް މަސައްކަތް ކުރުން ވެސް އެ ވިސާގެ ދަށުން ހުއްދައެއް ނުކުރެއެވެ.
ސައުދީ ސަރުކާރުން މިދިޔަ މަހު ވަނީ އެ ޤައުމުގެ ޓޫރިޒަމް ކުރިއެރުވުމަށް ވިސާގެ ލުއި ދޭން ނިންމައި އެކަން އިއުލާން ކޮށް، އެ ޤައުމުގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.