ތޫފާނެއްގެ އިންޒާރާއެކު 5 ވަނަ ވޯރލްޑް ސްކައުޓް ޖަމްބޮރީ ޖަމްބޮރީގެ ބައިވެރިން ކޭމްޕްސައިޓުން، ރައްކާތެރި ސަރަހައްދުތަކަށް މި ބަދަލުކުރީ، އެ ސަރަހައްދުގެ ހޫނުމިން ވަރަށް ބޮޑަށް މައްޗަށްގޮސް، ޖަމްބޮރީގެ ބައެއް ބައިވެރިންނަށް ހޫނުގެ އަސަރުކޮށް ފަރުވާދޭންޖެހި، ޖަމްބޮރީގެ ބައެއް ހަރަކާތްތައް ކެންސަލްކޮށް، ބައިވެރިން ހޫނުން ރައްކާތެރިވުމަށް އެތައް ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
މި އޮގަސްޓްމަހުގެ 1 ވަނަ ދުވަހު ފެށުނު ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ކުރިއަށްދިޔައީ ދެކުނު ކޮރެއާގެ ނޯރތު ޖިއޮލާ ޕްރޮވިންސްގެ ބުއާން ސިޓީގެ އައްސޭރިފަށުގެ ސަރަހައްދެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ޖަމްބޮރީގައި ބައިވެރިވުމަށް ދުނިޔޭގެ 155 ގައުމަކުން ގޮސްތިބި 43،000 ބައިވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރީ، ޖަމްބޮރީ އޮންނަ ސަރަހައްދަށް ހަފްތާގެ މެދުތެރޭގައި ބާރުގަދަ ތޫފާނެއް އަރާނެކަމަށް ކޮރެއާ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން އިންޒާރުކުރުމާ ގުޅިގެންނެވެ.
މިޖަމްބޮރީގައި ރާއްޖެއިން ސްކައުޓުންނާއި، ގާރލް ގައިޑުންނާއި، އިންޓަރނޭޝަނަލް ސަރވިސް ޓީމު މެމްބަރުންނާއި، ސްކައުޓް ލީޑަރުންނާއި، ގާރލް ގައިޑް ލީޑަރުން ހިމެނޭހެން ޖުމްލަ 423 މެމްބަރުންގެ ވަފުދެއް ބައިވެރިވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޖަމްބޮރީގެ ބައިވެރިން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ކޮރެއާ ސްޕެޝަލް ފޯރސަސްއިންނެވެ.
ގަދަފަދަ ހޫނަށް ކެތްނުވެގެންނާއި، އިންތިޒާމުތައް ދޯދިޔާ ކަމަށްބުނެ އެމެރިކާ، އިނގިރޭސިވިލާތުގެ ސްކައުޓުން އެނބުރި ގައުމަށް ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސްކައުޓް ހަރަކާތް 1907 ވަނަ އަހަރު ދުނިޔޭގައި ތައާރަފް ކުރެވި ފެށިގެންދިޔައިރު އެންމެ ފުރަތަމަ ވޯރލްޑް ސްކައުޓް ޖަމްބޮރީ ބާއްވާފައިވަނީ، 8،000 ސްކައުޓުންނާއެކު 1920 ވަނަ އަހަރު ލަންޑަންގެ އޮލިމްޕިއާގައެވެ.