ޣައްޒާގައި 2.3 މިލިޔަނަށް ވުރެ ގިނަ މުސްލިމުން ފުރަބަންދު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވެއްޖެއެވެ.
ޔަހޫދީ އިސްރާޢީލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، އޭނާ ޔަހޫދީ އިސްރާޢީލަށް ފާޑުވިދާޅުވެފައި މި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހަނގުރާމަ އިޢުލާނުކޮށް، އެ ސަހަރު ފުރަބަންދު ކުރުމާ ގުޅިގެން އެ ކަމާ ދެކޮޅަށް ނެރުނު ބަޔާނެއްގައެވެ.
ޣައްޒާއަށް އަރައިފޭބެން އޮންނަ ހުރިހާ މަގުތަކެއް ޔަހޫދީ އިސްރާޢީލުން ބަންދުކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެކުރުން ވަނީ ހުއްޓުވާފައެވެ.
އަސާސީ ބޭނުންތައް ފުއްދޭނެ މަގުތައް ބަންދުކޮށްފައިވާއިރު، ފެން ކަނޑާލައި، ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅައި، ޣައްޒާގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސް އަޅާފައެވެ.
ހައްދުފަހަނައެޅި އިސްރާޢީލުން މި ހުރިހާ އަމަލެއް ހިންގާފައި މި ވަނީ، ޔަހޫދީންގެ ހަރުކަށިކަމާއި ނޭއްގާނީ ކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ.
"ޣައްޒާ ފުރަބަންދު ކުރުމާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނައަށް ދަނީ ނުރައްކާވަމުން. އެ މީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް. ކާބޯތަކެއްޗާއި އިންސާނީ އެހީން ބަޔަކު މަހުރޫމު ކުރުވުމަކީ އިންސާނިއްޔާތާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް،" ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި އދ. އިން ނެރުނު ބަޔާނުގައި ތުރްކު ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ކުރިން ވެސް ދިރިއުޅެމުން ގޮސްފައި ވަނީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ފަދަ އަބުރުވެރި ހާލަތެއްގައެއް ނޫން ކަމަށާއި އެ މީހުން ދިރިއުޅެނީ އެއަށްވުރެ ނިކަމެތި ކަމާއި ފަގީރު ހާލުގައި ކަމުން ޣައްޒާއަށް އޮތީ އިންސާނީ މުސީބާތަކާ ކުރިމަތިވެފައިކަމަށާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަޔާން ނެރުވާފައިވާއިރު، އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ޣައްޒާ ފުރަބަންދު ކުރުން ކުށްވެރި ކުރައްވައި ވިދާޅުވެފައިވަނީ، ޔަހޫދީ އިސްރާޢީލުގެ އަމަލުތަކާ އެކު ޣައްޒާގެ މުސްލިމުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި، ޙަމާސް ޖަމާޢަތުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ، އެތަކެއް ޤަރުނެއް ވަންދެން ޣައްޒާގެ މުސްލިމުން އަޅުވެތި ކަމުގައި ގެންގުޅުމުގެ ސަބަބުން ކަމުގައެވެ.
ޣައްޒާ ފުރަބަންދު ކޮށްފައި މި ވަނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ޙަމާސް ޖަމާޢަތުން 'އޮޕަރޭޝަން އަޤްޞާ ފީލްޑް’ގެ ނަމުގައި ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން އެ ކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ގޮތަށް އެހެން ދަޢުލަތެއްގެ ބަޔަކު ފުރަބަންދު ކޮށްގެން، އަޅުވެތި ކޮށްގެން ގެންގުޅުމަކީ ހަނގުރާމައިގެ ކުށެކެވެ.
ރިޕޯޓުތައް ބުނާގޮތުން ޔަހޫދީ އިސްރާޢީލުގެ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 830 އަށް އަރާފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 4,000 އަށްވުރެ އިތުރުވެފައިވެއެވެ. ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ އުދުވާންތަކުގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ޣައްޒާގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އޮތީ ފުރި ބަންޑުންވެފައެވެ.
ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޝިފާ ހޮސްޕިޓަލް ފުރިފައިވާއިރު މަރުވެފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވެއެވެ. އަދި އެ މީހުންގެ ޖަނާޒާ ބާއްވާނެ ގޮތެއް ނެތް ކަމުގައި ނޫސްވެރިން ބުނެއެވެ. މީގެއިތުރުން ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ނުކުޅެދިފައިވާ ކަމުގައި ވެސްވެއެވެ.
ފަލަސްޠީނުގެ ޣައްޒާގައި އެތަކެއް ސަތޭކަ ހާސް މުސްލިމުން އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އެ މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ވޯލްޑް ހެލްތް އޮގަނައިޒޭޝަން – ޑަބްލިޔު.އެޗް.އޯ) އިން ވަނީ ޔަހޫދީ އިސްރާޢީލަށް ގޮވައިލާފައެވެ. އެސަހަރުގައި ޞިއްޙީ ފަރުވާދޭ 13 ޢިމާރާތަކަށް ޔަހޫދީ އިސްރާޢީލުން ބޮން އަޅައި، ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް ޑަބްލިޔު.އެޗް.އޯން ބުނެއެވެ.
"ޑަބްލިޔު.އެޗް.އޯއިން މި ގޮވައިލަނީ ހަމަލަ ބަދަލު ކުރުން ވަގުތުން ހުއްޓައިލުމަށް. އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ގާއިމު ކޮށްދިނުމަށް. ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް ފަރުވާއާއި އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް،" ޑަބްލިޔު.އެޗް.އޯގެ ތަރުޖަމާނު ތާރިގް ޔަޝާރެވިޗް ވިދާޅުވިއެވެ.
ހައްދުފަހަނައަޅާފައިވާ ގޮއްމުށުގެ ބާރުން ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ އިސްރާޢީލުގެ ހަމަލަތަކުގައި ގެދޮރު ސުންނާފަތިވެގެން މަގުމަތިވެފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހަތަރު ސްކޫލަކަށް ވެސް ޔަހޫދީން ބޮން އަޅާފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އަދި، އ.ދގެ އޮފީހަކާއި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކަށް ވެސް އިސްރާޢީލުގެ ހަމަލަތައް އަމާޒު ކުރަމުންދާ ކަމުގައި އ.ދއިން ބުނެއެވެ.
ޔަހޫދީންގެ ނުބައި ރޭވުންތަކުންގެ ދަށުން، އެއްގަމު މަގުން ޣައްޒާއަށް އަރައި، މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ އިސްރާޢީލުގެ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް، ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާއަށް އެއްގަމު މަގުން ހަމަލަދިނުމަށް، ޔަހޫދީ އިސްރާޢީލުގެ 100,000 އަށްވުރެ ގިނަ ރިޒަރވް ސިފައިން ޖަމާކުރަން ފަށާފައިވާ ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ.


