7 ފެބުރުވަރީ 2025

ދިވެހީން ފަލަސްޠީނާއެކު: ދިވެހި ފަސްގަނޑުގައިވެސް ޖަހަނީ ފަލަސްޠީނުގެ ވިންދެވެ.

ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުގެ  ލާއިންސާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ބޮން އަޅައި، އެތަން ސުންނާފަތިކޮށް، ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަމުންދާތީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެއްވުންތައް ބާއްވާ ޝުޢޫރުތައް ފާޅުކޮށްފައެވެ.

ފަލަސްޠީނަކީ ދިވެހީން ހިތްތަކުގައި ޚާއްޞަ މަޤާމަކާއި ޤަދަރެއް ދީފައިވާ ބައެއްގެ ގޮތުގައި މިއަދު ދައްކައިދީފިއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްގެ އަސަރު ދިވެހީންގެ ހިތްތަކުގައި ޖަހާކަން ދައްކައިދީފިއެވެ.

މިއަދު އާޓިފިޝަލް ބީޗުގައި އޮތް އެއްވުމަށް އެތައްހާސް ދިވެހިން އެއްވެ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ދައްކައިދީފިއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ މެދު އޮތް ލޯބި ހާމަކޮށްދީފިއެވެ. ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން، އަދި ކީއް ހެއްޔެވެ؟ މުޅި ފަލަސްޠީނު ނެތިކޮށްލުމަށް ނިރުބަވެރި ޔަހޫދީން ހިންގާ ބޮޑުވެގެންވާ ޖަރީމާއަކީ ދިވެހި އިސްލާމީ މުޖްތަމަޢުން ބަލައިގަންނާނެ ކަމެއް ނޫނެވެ. މިއީ އިސްލާމީ ފަސްގަނޑެކެވެ. މިއީ މުސްލިމުންގެ ގޮވައްޗެކެވެ. މި ބިމުގައި އަދި މި ފަސްގަނޑުގައި ޔަހޫދީ އިސްރާޢީލުންގެ ނުބައި ރޭވުންތަކާއި ޖަރީމާތައް ބަލައިގަންނާނެ ފުރުޞަތެއް ނެތެވެ.

ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މި ކަމުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިހާރު ޔަހޫދީ އިސްރާޢީލަށް ހަތިޔާރު އުފައްދައިދީ އެތަކެތި ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ވާގިވެރިވާ ޤައުމަކީ އެމެރިކާއެވެ.

މެދުއިރުމަތީގެ ސިޔާސަތުތައް އެމެރިކާއިން ކަނޑައަޅާފައި ވަނީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ހައްޤުތައް އެއްފަރާތް ކޮށްފައެވެ. އެ މީހުންގެ ބޭނުންތަކަށް އެމެރިކާއިން އިޙުތިރާމު ނުކުރާ ކަން މިކަމުން ހާމަވެގެން އެބަދެއެވެ.

ޔަހޫދީ އިސްރާޢީލުގެ ހަމަލަތަކުގައި ޝަހީދު ކުރަމުންދާ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުންދާތީ، ކަންބޮޑުވުން ފާޅުކުރަމުންދަނީ ދިވެހިން އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއިންނެވެ. ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ހަމަލަ ބަދަލު ކުރުން ވަގުތުން ހުއްޓައިލަން ޖެހެއެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ވާންޖެހެއެވެ. މިކަމުގައި މުޅި އިސްލާމީ އުއްމަތް އެކައްޗެއް ކިޔާންޖެހެއެވެ. އިސްލާމީ ލީޑަރުން މިކަމުގައި ކޮޅަށް ތެދުވެ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަކީ މިހާރުންމިހާރަށް ކުރަންޖެހޭ ކަމެކެވެ.

ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު