ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ރާއްޖެއިން މިއަދު ވިދާޅުވެއްޖެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.
ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލް ވިދާޅުވީ ކުޑަކުދިން ހިމެނޭހެން ކުށެއް ނެތް އެތައް ރައްޔިތުންނަކަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލްތަކުގެ އިތުރުން އާއްމުން ދިރިއުޅޭ ތަންތަނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަޤްވާމީ، ހަމައެހެންމެ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ޚަލީލް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރަހައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަަމަށެވެ.
އިންސާނީ އެހީ ފަލަސްތީނަށް އެތެރެ ނުވެވޭނެހެން އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތްކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރު އަޅާނެ ކަމަށް ވަނީ ޚަލީލް ވިދާޅުވެފައެވެ.
އަދި ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލުމުގެ އިތުރުން ބައިނަލްއަގުވާމީ ޤާނޫނީ އިމުގެ ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ޚަލީލް ދެއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންތައްތަކާމެދު ދިވެހި ރައްޔިތުން ހިތާމަކުރަމުންދާ ކަން ފާހަގަކުރައްވަމުން، އެ އަނިޔާތަކުން ސަލާމަތްވެ، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ރާއްޖެއިން ދެއްވާކަމަށް ވިދާޅުވިއެވެ.
އޯއައިސީ އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރުން ކަމަށާއި މި ދަނޑިވަޅުގައި އެ މަޤްސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ވެސް ރާއްޖޭގެ ފަރާތުން ޚަލީލް ފާހަގަކުރެއްވިއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު އަނިޔާވެރި އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެ ހަމަލާތަކުގައި ރޭ ވަނީ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް، ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އިޒުރޭލުން ހިންގާފައިވާ ޤަތުލުއާންމުތަކުގައި މިހާތަނަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 3000 އިން މައްޗަށް ވަނީ އަރާފައެވެ.