މިވަންނަނީ ޣައްޒާއަށް ކަމަށާއި، ޣައްޒާ ސުންނާފަތިކޮށްލާނެ ކަމަށް ޓެރަރިސްޓް ޔަހޫދީންގެ ފައުޖުގެ ވެރިޔާ، ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލަވީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވާއިރު، ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމާސްއަށް ޕްރެޝަރު ބޮޑުކުރާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.
"އަހަރެމެން މިވަންނަނީ ޣައްޒާއަށް. އަހަރެމެން ހިންގާ ޕްރޮފެޝަނަލް އޮޕްރޭޝަނެއް، މިޝަންއަކީ ހަމާސްގެ އެޖެންޓުންނާއި ހަމާސްގެ އިމާރާތްތައް ނައްތާލުން." ޓެރަރިސްޓް ޔަހޫދީންގެ ފައުޖުގެ ވެރިޔާ ބުންޏެވެ.
މި އަނިޔާވެރިޔާ ބުނީ، ޣައްޒާއަކީ ބޮޑު ތަނެއް ކަމަށާއި، އަދި އާބާދީވެސް ބޮޑު ތަނެއްކަމަަށާއި، އެތަނުގައި އެބައިމީހުންގެ ދުޝްމަނުން ނުބައި ރޭވުންތައް ރާވާ ކަމަށާއި އެހެންކަމުން މި ނުބައި ޔަހޫދީންވެސް އެފަދަ ރޭވުންތައް ރާވާނެ ކަމަށެވެ. އޭނާ މިއިޝާރާތްކުރަނީ ހަމާސް އެއްކޮށް ފުހެލާ ނައްތާލާ ވާހަކައެެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރު ކުރަން ނިންމާފައިވަނީ ހަމާސް ޖަމާއަތާ ދެކޮޅަށް ޔަހޫދީން ކުރަމުންދާ ހަނގުރާމައިގެ "ކުރިއަށް އޮތް މަރުހަލާ" އަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެއެވެ.
އިއްޔެ ޓެރަރިސްޓް އަސްކަރިއްޔާގެ ތަރުޖަމާން ހާގަރީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ދަނީ ކުރިން ވެސް އެންމެ އެކަށީގެންވާ ހާލަތްތައް އުފައްދަން ކަމަށެވެ.
"އަދި ހަނގުރާމައިގެ ކުރިއަށް އޮތް މަރުހަލާތަކުގައި އަޅުގަނޑުމެން ސިފައިންނަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ޓަކައި ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް. ހަމަލާތައް އިތުރުކުރާނަން މިއަދުން ފެށިގެން،". ހަގާރީ ބުންޏެވެ.
ޔަހޫދީން ޣައްޒާ އަށް އެކި ގޮތްގޮތަށް ހަމަލާ ދެމުންދާތާ އެތައް އަހަރެއްވެއްޖެއެވެ. މިފަހަކުން ހަނގުރާމަ މިހާ ވަރުގަދަވެގެން ދިޔައީ ހަމާސް އިން އިސްރާއިލަށް ނުރައްކާތެރި ކުއްލި ހަމަލާތަކެއް ދިން ފަހުންނެވެ. އޮކްޓޯބަރު ހަތް ވަނަ ދުވަހު މި ހަމަލާތައް ފެށިގެން މިހާރު ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރުއޮތްއިރު، ޔަހޫދީން ދަނީ ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ.
ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒުރޭލުގެ ޔަހޫދީ ފައުޖުދަތަކުން ރޭވެސް ފަލަސްޠީނުގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 4،000 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ