Tuesday, 18 June 2024

ޔަހޫދީންގެ ހިތް ފުރޭވަރަށް އެމެރިކާއިން ހަތިޔާރު؛ 45 ވަނަ ޝިޕްމަންޓް ފޮނުވައިފި

ޔަހޫދީންގެ ހިތް ފުރޭވަރަށް، އެމެރިކާއިން ދަނީ ހަތިޔާރު ފޯރުކޮށްދެމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވާއިރު، މި މަހުގެ 7 ވަނަ ދުވަހު "ޣައްޒާ ތޫފާން" އޮޕަރޭޝަން ފެށުނު ފަހުން އެމެރިކާއިން ވަނީ ޔަހޫދީންނަށް ބޭނުންވާ ހަތިޔާރާއި އުޅަނދުފަހަރާއި، ބޭސް ހިމެނޭހެން 45 ވަނަ ކާގޯ ޝިޕްމަންޓް ފޮނުވާފައެވެ.

އެމެރިކާއަކީ އިޒުރޭލަށް މަދަދުވެރިވާ ޤައުމެކެވެ. އެ ޤައުމުންދަނީ އިޒުރޭލު ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހިތްވަރު ދެމުންނެވެ.

ޔުކްރެއިން ހިފަންވެގެން އެ ގައުމަށް އަރައިގެންފައިވާ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ހަމާސްއަކީ އެއްވައްތަރުގެ ބައެއް ކަމަށާއި އެ މީހުން ގަދަވިޔަނުދޭން މަސައްކަތްކުރުމަކީ އެމެރިކާގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް، ރައީސް ޖޯ ބައިޑަން އޮކްޓޫބަރު 20 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ރަސްމީ އޮފީސް އޯވަލް އޮފީހުގައި އިންނަވައި، އެމެރިކާގެ ރައްޔިތުންނަށް ދެއްވި 10 މިނިޓްގެ ތަގުރީރުގައި ބައިޑަން ވިދާޅުވީ ހަމާސްއިން އިޒްރޭލަށް އަރައި، މި މަހު 7 ގައި ހިންގީ ނުބައިކަން ބޮޑު ގަތުލެއް ކަމަށާއި، ދިފާއުވުމުގެ ޙައްޤު އިޒްރޭލަށް ލިބޭ ކަމަށެވެ. އަދި އެކަމުގައި އެމެރިކާއިން އިޒްރޭލަށް ފުރިހަމައަށް އެހީވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ބައިޑަންގެ ވާހަކާގައި އިޒްރޭލް އާއި ޔުކްރެއިންއަށް އެހީވުމުގެ ޕެކޭޖެއް ކޮންގްރެސްއަށް ފޮނުވާނެކަމަށް ވައުދުވެވަޑައިގަތެވެ. އެއީ ކިހާ މިންވަރެއްކަން ހާމަނުކުރެއްވިޔަސް، އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 100 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެކަމަކު ކޮންގްރެސްއަށް ރައީސަކު އިންތިހާބުކުރަން ދެ ފަހަރަށް ވޯޓު ލައިގެން ވެސް، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް ހިޔާލު ތަފަތުވުންތަކާ ހެދި ވަނީ، ނާކާމިޔާބުވެފައެވެ. އެހެންނަމަވެސް، ބައިޑަންގެ އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ކޮންގްރެސް އިން ފާސްކޮށްގެންނެވެ.

"ޕުޓިން އާއި ހަމާސްއިން ކުރިމަތިކުރަނީ ތަފާތު ދެ ނުރައްކަލެއް. އެކަމަކު ދެ ބައިގެ މަގުސަދު ދާދި އެކައްޗެއް؛ އެއީ ޑިމޮކްރަސީ އޮންނަ އަވަށްޓެރި ގައުމެއް ނައްތާލުން،" ބައިޑަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ހަރުކަށިކަމެއް ހުއްޓުވުން މުހިންމު ވަނީ އެމެރިކާގެ ރައްކާތެރިކަމާއި ސަލާމަތަށް އެކަނި ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ މަސްލަހަތަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ، އިޒްރޭލްގައި ބައްދަލުކުރެއްވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގެން ބައިޑަން ދެއްވި ތަގުރީރުގައި ގާއްޒާއަށް އަރައިގަތުމަށް އިޒްރޭލުން ކުރަމުން ދާ މަސައްކަތް ހުއްޓާލަން ގޮވާލައްވާފައެއް ނުވެއެވެ. އެކަމަކު ވިދާޅުވީ ހަމާސްގެ ފަހަތުން ދާއިރު އާންމުންނަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

އިޒްރޭލަށް އަރައިގަނެ ހަމާސް އިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރައެވެ. ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު