Thursday, 20 June 2024

ފަލަސްޠީނުގެ މައްސަލައިގައި ޢަރަބި ޤައުމުތައް އެމެރިކާގެ މުށުން ނުވީއްލިގެން އުޅެނީ ކީއްވެ؟

ފަލަސްޠީނަކީ އިސްލާމީ އެތަކެއް ވެރިކަމެއް ހިނގައި ދިޔަ މުސްލިމުންގެ ފަޚްރުވެރި ބިމެކެވެ. އިސްލާމީ ފުޠޫހަތްތައް ފެތުރު ފުޅާވެގެންދިޔަ މައިތަނބެކެވެ. ޔަހޫދީ ނުބައި އަނިޔާވެރި އިޒުރޭލުގެ ދައުލަތުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައަށް ވަނީ ވަރަށް ބޮޑު ހިޔަންޏެއް އެޅިފައެވެ. އިސްލާމީ ޙަޟާރަތު ފުޅާވެ ކުރިއަރާ ދިއުމަށާއި، އިސްލާމީ ޤައުމުތައް ކުރިއަރާ ދިޔުމަށް އޮތް އޮންމެ ބޮޑު ނިކަމެތިކަމެއް ލިބިގެންދަނީވެސް ފަލަސްޠީނުގެ މައްސަލައިގައި ރޯވަމުންދާ ހުޅުގެ ސަބަބުންނެވެ.

ކޮންމެ ގޮތެއްވިޔަސް މެދުއިރުމަތީގެ ސުލްޙަ ގުޅިފައި އޮތީ ފަލަސްތީނާއެވެ. ފަލަސްޠީނުގައި ހިނގާ ކޮންމެ ޙާދިސާއެއްގެ އަސަރު މެދުއިރުމައްޗަށް ފޯރައެވެ. ޔަހޫދީ ވަކިތައްވަނީ ފަލަސްޠީނުގައި އެހާމެ ބޮޑަށް ހިތްޕާލާފައެވެ. މި މައްސަލައިގައި ކަރުނާޅާ ލޮލެއް، ފުނޑުފުނޑު ނުވާ ހިތެއް ފަލަސްޠީނުގައި ނެތެވެ. ދެމެނީ ލޭގެ ކޯރުތަކެވެ. ޔަހޫދީ ވިހައިގެ ހިތްދަތި އިޙްސާސްތަކެވެ.

ފަލަސްޠީނަށް ސުލްޙަ ބޭނުންވެއެވެ. ހިމޭންކަން ބޭނުންވެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައްވެސް ކަށަވަރުވާންޖެހެއެވެ. އެހެންނަމަވެސް، ޢަރަބި ޤައުމުތަކުގެ ޚާރިޖީ ކަންކަމުގެ މައްޗަށް ބަރޯސާވާ އެންމެހާ ސިޔާސަތުތައް ބައްޓަންކޮށް ކުލަޖައްސަމުންދަނީ، އެމެރިކާ އިސްވެ އޮވެ ކުރިއަށްދާ ސަކަރާތެއްގެ ގޮތުގައެވެ. ޢަރަބިން ވަނީ އެމެރިކާގެ މުށުތެރޭގައެވެ. މިކަމުގެ ނަތީޖާއަކީ އަނިޔާވެރި ލާއިންސާނީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ދައުލަތަށް އެއްވެސް ފިއްތުމެއް އަންނާނެ ނިންމުމެއް ސުލްޙައިގެ މަސައްކަތުގައި ނުހިމެނުމެވެ. އިޒްރޭލާ އެކު ޢަރަބި ޤައުމުތަކުގެ ގުޅުން "ނޯމަލައިޒް" ކުރުމުގެ މަސައްކަތް ވެސް އެމެރިކާ އިން ވަނީ އިހުނަށްވުރެ ބޮޑަށް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައެވެ.

ޢަރަބި ޤައުމުތައް ބޭނުންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ހަމަޖެހިލައިގެން އުޅެވޭނެ ގޮތްތަކެއް ފަހިކޮށްދިނުންކަން އެނގެއެވެ. އެހެންނަމަވެސް ޢަރަބި ޤައުމުތަކުގެ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތުން މިހާރުވަނީ އެ ޤައުމުތައް އެމެރިކާގެ ޖީބަށް ވެއްޓި ބަނދެވިފައެވެ. މިކަން ޙާސިލުކުރުމުގެ ނަމުގައި ޢަރަބި ވެރިންގެ ހުރިހާ މަސައްކަތަކާއި ހަކަތައެއް ދުއްވާލަނީ އެމެރިކާ ބުނާހާ ގޮތަކަށް ބެރުޖެހުމުގައެވެ. ޢަރަބި ޤައުމުތަކުގެ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތުން، ހުރިހާ މޮޅެއް ޙަޤީޤަގައި ލިބިގެން މިދަނީ އިޒްރޭލަށެވެ. މިއީ ފަލަސްތީނަށްޓަކައި އިސް ސަފުގައި މަސައްކަތްކުރަން ތިބި ޤައުމުތަކުން، އެމެރިކާ ބުނާހާ ގޮތަކަށް ދީލާލުމުން ނިކުމެގެން އުޅޭ ނަތީޖާއެކެވެ. ނަތީޖާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ބަސްބުނަން ފަސްޖެހި، ސިޔާސަތުގެ ސުރުޚީގައިވެސް ފަލަސްޠީނުގެ މިނިވަންކަމަށް ކުރަން ކުރަންޖެހޭ މަސައްކަތްތައް ފަނޑުވުމެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަހެއް ބުނެލުމަށްވެސް ޢަރަބި ޤައުމުތަކުން ފަސްޖެހެއެވެ. އެމެރިކާ ނުރުހިދާނެތީއެވެ. މިކަންކަމާ ހެދި، އިޒްރޭލަށް ވަނީ އަނިޔާވެރިކަން އިތުރުކޮށް، ލާއިންސާނީ ޖަރީމާތައް މެކުހަށް ޖަހާފައެވެ.

ފެންނަ މަންޒަރާއި ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ޢަރަބި ޤައުމުތަކުގެ ސިޔާސަތު އެނބުރިފައިވަނީ އެމެރިކާ އާއި އިޒްރޭލު ބޭނުންވާ ގޮތަށެވެ. އިޒްރޭލުގެ އުދުވާން ހުއްޓުވަން ބަހެއް ނުބުނެވޭ ވަރަށް ވަނީ ބަނދެވިފައެވެ. ޢަރަބި ޤައުމުތައް ވަނީ އިޒްރޭލުގެ ރުހޭގޮތަށް ކަންކޮށްދޭ އެމެރިކާގެ ދަށުވެފައެވެ. އިޒުރޭލަށް ބޭނުންވާ ހަތިޔާރާއި ހަނގުރާމައިގެ މެޝިނަރީޒްތައް އެންމެ ގިނައިން ހަދިޔާކޮށް، ވާގިވެރިވަމުންދަނީ އެމެރިކާއިންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބޭނެ މަގަށް ކަންކަން ބައްޓަންކުރެވޭނެ ސިޔާސަތެއް ކުރިއަށް ނެރުމުގެ ޖާގަ، ޢަރަބި ޤައުމުތަކަށް ވަނީ ކުރިއަށްވުރެވެސް މިހާރު ހަނިވެފައެވެ.

އިޒްރޭލުން ހަންފަތުރައި، ހުއްޓުމެއްނެތި ހަމަލާދެމުން ގެންދާ ޣައްޒާގެ ވެރިކަން ކުރިން ކުރަމުން ގޮސްފައިވަނީ ފަތަހަ ޖަމާއަތުން ކޮންޓްރޯލްކުރާ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އިންނެވެ. އެހެންނަމަވެސް، 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ކޮންޓްރޯލުކުރަމުންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ޖިހާދެއް ކުރަމުންދާ ހަމާސް ޖަމާޢަތުންނެވެ.

ފަލަސްތީނުގެ ކަންކަމުގައި ބަސް ބުނުމުގެ ޙައްޤު އޮތް ފަރާތް ކަމަށް ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ފަރާތަކީ ފަތަޙަ ޖަމާޢަތެވެ. އެހެންނަމަވެސް، ފަލަސްތީނު ރައްޔިތުން ފަތަޙަ ޖަމާޢަތް ބަލައިގަންނަ މަންޒަރެއް ނުފެނެއެވެ. އެކަމަކު، ޢަރަބި ޤައުމުތަކުން މުއާމަލާތުކުރަން ބޭނުންވަނީ ފަތަހަ ޖަމާއަތާއެވެ. މި ސިޔާސަތުގެ ހުރިހާ މޮޅެއް ލިބެނީ އަނިޔާވެރި ޔަހޫދީ އިޒްރޭލަށެވެ.

ފަލަސްތީނު މިހާރު އެ އޮތީ ނާޒުކު ފައްތަރެއްގައެވެ. ފަހުގެ ތާރީޚެއްގައި ފަލަސްޠީނަށް ކުރިމަތިނުވާހާ ބޮޑު އަނދިރި ކަމެއްގެ ތެރޭގައެވެ. ވޭނީ އަނދަވަޅެއްގެ ތެރޭގައެވެ. ފުންކަން ބޮޑު ގެއްލުމެއްގެ ތެރޭގައެވެ. މިޙާލަތަށް ފަލަސްޠީނު އައި އިރު، ޢަރަބި ޤައުމުތަކުގެ ސިޔާސަތު އެނބުރިފައިވަނީ އެމެރިކާ އާއި އިޒްރޭލު ރުހޭ ގޮތްތަކަށެވެ. އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ޢަރަބި ޤައުމުތަކަށް ބަހެއް ބުނެލަން ނުކެރޭހައި ދަށަށް ޢަރަބި ޤައުމުތައް މިވަނީ ވެއްޓިފައެވެ. ޢަރަބި ޤައުމުތައް ވަނީ އިޒްރޭލުގެ މަދަދުވެރިޔާ، އެމެރިކާގެ ދަށުގެ ފިތި ބާރުވެފައެވެ.

ފަލަސްތީނަކީ ޢަރަބި ދުނިޔޭގައި އިސްތިއުމާރީ ވަކިތަކުގައި، މިހާރު އޮތް ހަމަ އެކަނި ޤައުމު ކަމުގައި ފާހަގަވެގެންދާއިރު، އެކަން ނިމުމަކަށް ގެނައުމުގެ ބަދަލުގައި ޢަރަބި ޤައުމުތަކުން މިހާރު ސިޔާސީ ގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން އުޅޭ އެއް ކަމެއްގެ ގޮތުގައި ފެންނަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް އެންމެ ފުރަތަމަ ފޭރިގަތް އިރު އިޒްރޭލާ ގުޅުން ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ސުލްހަ ވުމަށެވެ. ނޯމަލައިޒުކުރުމުގެ ނަމުގައި އެމެރިކާއިން ހިންގާ ޕްރޮޕެގެންޑާގައި ޖެހި، އެ ޤައުމުތަކުގެ ސިޔާސަތު އެމަގަށް ދީލާލުމެވެ. މިކަމުގެ ބޭނުމަކީ، އެމެރިކާގެ ރުހުން ހޯދައި، ޢަރަބި ވެރިންނަށް ގިނަ ދުވަހު ވެރިކަމުގައި ތިބެވޭނެ ފުރުސަތު ހޯދުމެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައި ދެކޭ އެމެރިކާ ރުހޭ ކޮންމެ ކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޢަރަބި ޤައުމުތަކުން ޤަބޫލު ކުރަމުންދަނީ، ވެރިކަމާއި ޖާހާއި ޢިއްޒަތާއި ބާރަށްޓަކައެވެ. ދެވަނަ އެހެން ބޭނުމެއް އޮވެގެނެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު