އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަޤާމުގައި ވޭތުވެދިޔަ 7 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.
އިބްރާހިމް ރަޝީދު ހަސަން ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެކެވެ. މަޤާމުން ވަކިވެވަޑައިގަންނަވަމުން ޝައިޚް ވަނީ އެ މަޤާމަށް އޭނާ އައްޔަންކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި، މިހާރުގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސްއިމާމުންނާއި އެންމެހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފައެވެ.
އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވި މައިގަނޑު ސަބަބަކީ، ތަޢުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުން ކަމަށް ޝައިޚް ވިދާޅުވިއެވެ. އެގޮތުން އޭނާ މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ވަޒީފާ އަދާކުރައްވަން ފަށްޓަވާފައެވެ.
އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ، ކީރިތި ޤުރުއާން ހިތުދަސް ޢިލްމުވެރިއެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ ގޮތުގައާއި، ޤައުމީ ޤުރްއާން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.


