އިނގިރޭސިވިލާތާއި ވޭލްސްގައި މިދިޔަ އަހަރު އުފަންވި ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަންތަކުގެ އެންމެ ކުރީގައި އަނެއްކާވެސް "މުޙައްމަދު" ހިމެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާ، އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސުން އާންމުކޮށްފައިވާ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓަށް ބަލާއިރު، މިއީ ފިރިހެން ކުދިންނަށް ކިޔާފައިވާ ނަންތަކުގެ އެއްވަނައިގައި "މުޙައްމަދު" ޖާގަ ހޯދި ވިދިވިދިގެން ތިންވަނަ އަހަރެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އިނގިރޭސި ބަހުން އެކި ސްޕެލިންގތައް ހިމެނޭހެން ޖުމްލަ 5,957 ކުއްޖަކަށް "މުޙައްމަދު" ގެ ނަންފުޅުން ނަން ދީފައިވެއެވެ. ފިރިހެން ކުދިންގެ ލިސްޓުގެ ދެވަނައިގައި "ނޯއާ" އޮތްއިރު، ތިންވަނަ ހޯދާފައިވަނީ "ލިއޯ" އެވެ. ގަދަ 10 އެއްގައި ދެން ހިމެނެނީ "ލޫކާ"، އާތަރ، އޮލިވަރ، ޖޯޖް، އޮސްކާ، ތިއޮޑޯރ އަދި ފްރެޑީ އެވެ.
އަންހެން ކުދިންނަށް ކިޔާ ނަންތަކުގެ ތެރެއިން "އޮލިވިއާ" ވަނީ ޖެހިޖެހިގެން 10 ވަނަ އަހަރު ލިސްޓުގެ އެއްވަނަ ދަމަހައްޓާފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 2,386 ކުއްޖަކަށް މި ނަން ކިޔާފައިވެއެވެ. ލިސްޓުގެ ދެވަނައަށް "ލިލީ" ޖެހިލާފައިވާއިރު، މީގެ ކުރިން ދެވަނައިގައި އޮތް "އަމީލިއާ" ވަނީ ތިންވަނައަށް ވެއްޓިފައެވެ. އަންހެން ކުދިންގެ ގަދަ 10 އެއްގައި ދެން ހިމެނެނީ އައިލާ، ފްލޮރެންސް، ފްރެޔާ، ޕޮޕީ، އެލްސީ، އައިވީ އަދި އަލަށް މި ލިސްޓުގައި ހިމެނުނު އިޒަބެލާއެވެ.
ކުޑަކުދިންނަށް ކިޔާނެ ނަންތައް ހިމަނާފައިވާ ވެބްސައިޓެއް ކަމަށްވާ 'ނޭމްބެރީ' ގެ މާހިރު ކްލެއަރ ގްރީން ބުނި ގޮތުގައި، ލިސްޓުގެ އެންމެ ކުރީގައި ހުންނަ ނަންތަކަށް ބަދަލު އަންނަން އާންމުކޮށް ވަރަށް ދުވަސް ނަގައެވެ. އަދި ގިނަ ބެލެނިވެރިން ވަކި ނަމެއް ކުދިންނަށް ކިޔަން ފެށުމާއެކު، އެ ނަމެއް އިތުރަށް މަޤުބޫލުވެ، އެހެން މައިންބަފައިންނަށްވެސް އެ ނަން ކަމުދަނީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެމެރިކާގެ ނަންތަކާ ބެހޭ ކޮންސަލްޓަންޓެއް ކަމަށްވާ ކޮލީން ސްލޭގަން ފާހަގަކުރި ގޮތުގައި، މައިންބަފައިން މިހާރު ބޮޑަށް ބަލަނީ ބޮޑުވުމުން ޝަޚްސިއްޔަތާ ގުޅޭ، އަދި ކުޑައިރު ލޯބިން ކުރުކޮށްލައިގެން ކިޔާލަން ފަސޭހަ ނަންތަކަށެވެ. މީގެ އިތުރުން، އަންހެން ކުދިންގެ ނަންތަކުގެ ތެރޭގައި މަޑުމައިތިރިކޮށް ކިޔޭ، އަންހެންވަންތަ ނަންތައް އަދިވެސް ވަރަށް މަޤުބޫލެވެ.


