7 ފެބުރުވަރީ 2025

ރަތްކަނޑު ބިރުވެރިކަމެއްގައި، ކަނޑުމަގުން މުދާ އުފުލުގެ ސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކެއް!

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނަށް 100 ދުވަސް ފުރުނު ދުވަހު ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ 132 މީހުން ޝަހީދު ކޮށްލާފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 24,100 އުފުލިފައެވެ. އޭގެ ތެރޭގައި 9,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 61,000 އަށް އަރާފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާ އޮތީ ސުންނާފަތި ކޮށްލާފައެވެ. އަދި ގެދޮރު ނެތިފައިވާ 2 މިލިޔަނެއްހާ މީހުން މި ވަޤުތު ދިރުއުޅެމުން ދަނީ ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކުގައެވެ. ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރަން ހުރަސް އެޅުމާއެކު، ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ދަނީ ހައިހޫނުކަމާ ހަނގުރާމަ ކުރަމުންނެވެ. އެ ކަމަށް ނިމުމެއް ގެންނަން އދން އަނެއްކާ ވެސް ވަނީ ގޮވައިލާފައެވެ.

މި ހަނގުރާމައިގައި އަސްކަރީގޮތުން ޣައްޒާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ ނޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުންނެވެ. ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން އެ ޤައުމަށް ބޮން އަޅަން ފެށުމުން، ބައެއް ޤައުމުތަކުގެ އުޅަނދުފަހަރު ރަތް ކަނޑުން ދަތުރު ކުރުން މެދުކަނޑައިލާފައި ވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ މަނަވަރުތަކުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެންނެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން އެ ސަރަޙައްދަށް އަސްކަރީ މަނަވަރުތައް ފޮނުވާފައި ވަނީ ޔަހޫދީންނަށް ހިމާޔަތް ދިނުމުގެ ގޮތުންނެވެ. ރަތް ކަނޑު ހުރަސްކޮށް ޔަހޫދީންގެ ރަށްތަކަށް މުދާ ގެންދާ އުޅަނދުފަހަރަށް ޔަމަންގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލަތަކާ ގުޅިގެން ޔަހޫދީންނަށް ގެއްލުން ވާން ފެށުމުންނެވެ.

އެއީ އެ ސަރަޙައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއްގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހިންގާ ޙަރަކާތެއް ކަމުގައި އެމެރިކާއިން ބުނި ނަމަވެސް، ޙަޤީޤަތަކީ އެއީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން ފަށާފައިވާ ޙަރަކާތެއް ކަމެވެ. އަދި، އެ އިން ދޭހަކޮށްދެނީ، ހޫޘީންގެ ޙަމަލަތަކާ ގުޅިގެން ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ. ހޫޘީން ބުނެފައި ވަނީ، އެ ޖަމާޢަތުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ ބޯޓުފަހަރާއި ޔަހޫދީންނާ ގުޅުން އޮންނަ ބޯޓުފަހަރަށް އެކަނި ކަމުގައެވެ.

ހޫޘީންގެ ޙަމަލަތަކާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުގެ ސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި، މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް ވަނީ ޚަރަދުތައް ބޮޑުވެ، މާލީ ގޮތުން ގެއްލުން ވާން ފަށާފައެވެ. ރަތް ކަނޑުން ކުރަމުންދިޔަ ދަތުރުތައް މެދުކަނޑައިލާފައިވާ ކަން ހާމަކޮށްފައިވާ ޤަތަރު އެނަރޖީއަކީ ދެވަނައަށް އެންމެ ގިނައިން ގޭސް އެކްސްޕޯޓު ކުރާ ކުންފުނިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެއާ އެކު، ގޭހުގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ފޮނުވި މަނަވަރުތަކަށް ވެސް ހޫޘީން ދަނީ ވަރުގަަދަ ޙަމަލަތަކެއް އަމާޒު ކުރަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެންޓި-ޝިޕް ކްރޫޒް މިސައިލެއް ބޭނުން ކޮށްގެން ހޫޘީން އެމެރިކާގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރ މަރުކާގެ މަނަވަރަކަށް ޙަމަލަދޭން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އެ ޙަމަލަ ދިފާޢު ކޮށްފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ.

ހޫޘީންގެ މި ޙަމަލަތަކަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ފަށާފައިވާ ޙަމަލަތަކެކެވެ. ބޭނުމަކީ، މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލުމަށް މަޖުބޫރު ކުރުވުމެވެ. އަދި، ޢުދުވާންތަކަށް ނިމުމެއް ނުގެންނަނީސް ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ދެމުންދާ ޙަމަލަތައް ހުއްޓައިނުލާނެ ކަމުގައި ވެސް ހޫޘީން ބުނެއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން އެ ޤައުމަށް ބޮން އަޅަން ފެށުމުން، ޤަޠަރުގެ ތެޔޮ އުފުލާ އުޅަނދުފަހަރު ރަތް ކަނޑުން ދަތުރު ކުރުން ވަނީ މެދުކަނޑާލައިފައެވެ. ޤަޠަރުގެ ތެޔޮ އުފައްދާ ކުންފުނި ކަމުގަައިވާ ޤަޠަރު އެނަރޖީގެ އުޅަނދުފަހަރު ރަތް ކަނޑުން ދަތުރު ކުރުން މެދުކަނޑައިލާފައި ވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ މަނަވަރުތަކުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު