މަނަދޫ އަޒީގެ ޅެންހާރު: އެ ބިރުވެރި ދަތުރު (2)

މިޅެމަކީ 28 ޖޫން 1999 (ހޯމަ)ގައި މަނަދޫ "ހާމަ" ބޯޓް މާލެއިން މަނަދުއަށް ކުރިދަތުރުގައި ބޯޓް ފެތުނު ހާދިސާއާއި ގުޅިގެން ހެދިފައިވާ ޅެމެކެވެ.

މިފަހަރު މިޅެން މިގެނެސްދެނީ އެދަތުރުގައި ބައިވެރިވި އޭރު އަދި ނުހިނގޭ އެހެނަސް މިހާރު ބޮޑެތިވެ ދަލިންލިބިފައި ތިބި ކުދިންނަށް އެކުދިން ހަނދާން ނުހުންނާނެ މި ނުރައްކާތެރި
ހާދިސާ ސިފަކޮށްދިނުމަށެވެ. މިޅެމުގައި އެވާ "ރަންދެލި"މިނަމަކީ އޭރު ނ އަތޮޅުގެ އަތޮޅުވެރިޔާ ރަށްރަށަށް ދަތުރުކުރައްވާ ޔޮޓް ދޯންޏަށް ކިޔާނަމެވެ.

* * * * * *

ދާހާބަޔަކު މާހަލުތެރޭން ގިރިޔަށްބަލައިގެން ދާކަމުން
މާސީރިޔަސްކަމަކަށް އެކަން ނުވަނީއެ އެކަމުގެ ޒާތުގާ
ހެނދުނުގެ އަށެއްހަމަޖެހިތަނާ ބޯޓަށް އެއައިގަދަ ލޮޅުމުގައި
ތެދުވީކޮޅަށްސިހި ހާސްވެފައި ވީގޮތްމި ނޭނގޭ ހާލުގާ
ޖެހިލުންވެ ޙައިރާންކަންމަތީ ތިއްބާ މިވީގޮތް ސާފުވީ
ޖެހުނީ ގަލެއްގައި ބަނޑުފިލާ މާހަލުކަޑިންމައިން ވަނުމުގާ
ދިޔަވަތްބަލާށެ ގޮވާއަޑާ އެންމެންއެކީ ރޮއިގަތްއަޑާ
ދިޔައީމި އެއްއަޑަކަށްވެގެން ވީގޮތްފިލީމާ އާހް! ގާ
އެއްއަޑުވެފައި މުޅި ބޯޓުތެރެ ރުއިމާއި ގިސްލުމުގައި އޮތީ
އެއްކޮށް މި މަންޒަރު ދިފަކުރަން ދައްޗޭ މިހެން ކަރުދާހުގާ
ބިރުވެރިކަމާ އަދިހާސްކަމާ ވެރިވީ ވަގުތުކޮޅެކޭ އެއީ
ހިރިލާންނުއެގި ހަރަކާތްނުވެވި މީހުންތިބީ ޙައިރާނުގާ
ތަސްބީޙަޔާ ތަކުބީރުތައް ކިޔަމުންއެދިޔައިރު އެއްއަޑުން
ގަސްދާއި އުންމީދެއްނެތޭ ވެދިއުންސަލާމަތް މިކަމުގާ
އަނބުރާލަދޭށެ ގޮވީފަރަށްބީއްސާލުމަށް ހުރިބާރުގައި
އަނބުރާލިއިރު ދިޔަގަނޑުދަށުން ޖެހިފައިވެޔޭ އިންޖީނުގާ
އަވަހަށްއަޅަންއުޅެ ޖެކެޓްތައް ރަނގަޅަށް އެކަންތައް ނުނިމެނީސް
ޕަވަރެއްނެތަސް އިންޖީނުގައި އުރުނޭފަރަށް ދިޔަބާރުގާ
މިގޮތައް މިކަންތައް ނުކުރިނަމަ މާހަލުގެ ފުންވިލު އެތެރެއަށް
ދެގޮތެއްނުވީހޭ ގެނބިދިއުންނޫނީ ޔަޤީނޭ އެދުހުގާ
ފަރުގައިއައިސްބޖެހުމާއެކީ ޚަބަރެއްދެވޭތޯ އުޅެނިކޮށް
ކަރުތާފެނަށް ލޮނުގަނޑުއަރައި ގެނބިގެންހިގެއްޖޭ އެހިނދުގާ

(ނުނިމޭ)
3 ޑިސެމްބަރު 2023
عبدالعزيز قاسم ލިލީ ނ.މަނަދޫ

ފުރަތަމަ ބައި ކިޔާލުމަށް:

މަނަދޫ އަޒީގެ ޅެންހާރު: އެ ބިރުވެރި ދަތުރު (1)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *