ފަތިސްނަމާދުގެ އިހު ސުންނަތް ދެރަކުޢަތް ކުރުމަކީ ވަރަށް ގަދަވެގެންވާ ސުންނަތެކެވެ. މިދެރަކުޢަތުގެ ސުންނަތްކަން ގަދަވެގެންވާކަމަށް ދަލީލުކޮށްދޭ ތިންދަލީލެއްވެއެވެ.
ފުރަތަމަ ދަލީލު:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(رَكْعَتَا الفَجْرِ خَيْرٌ مِنَ الدُّنْيَا وَما فِيهَا.) ޞަޙީޙް މުސްލިމް 725
މާނައީ: "ފަތިސްނަމާދުގެ އިހު ސުންނަތް ދެރަކުޢަތް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮވެގެން ވެއެވެ."
ދެވަނަ ދަލީލު.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(لهما أَحَبُّ إلَيَّ مِنَ الدُّنْيَا جَمِيعًا) ޞަޙީހް މުސްލިމް 725.
މާނައީ: "އެދެރަކުޢަތް(ފަތިސް ނަމާދުގެ އިހުސުންނަތް) ދުނިޔެއާއި އޭގައިވާ ހުރިހާ އެއްޗަކަށް ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ."
ތިންވަނަ ދަލީލު:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(من صلَّى في يومٍ وليلةٍ اثنتي عشْرَةَ ركعةً تطوعًا غيرَ فريضةٍ بنى اللهُ له بيتًا في الجنَّةِ.) ޞަޙީހް މުސްލިމް 728
މާނައީ: "ރެޔަކާ ދުވާލު ފަރުޟު ނަމާދު ފިޔަވައި، ބާރަ ސުންނަތް ރަކުޢަތް ކޮށްފިމީހަކަށް ﷲ ސުވަރުގޭގައި ގަނޑުވަރުކޮޅެއް ބިނާކޮށްދެއްވާނެއެވެ."
ދަލީލު ލިބޭ ގޮތަކީ ފަތިސް ނަމާދުގެ އިހު ސުންނަތަކީ މިބާރަ ރަކުޢަތުގެ ތެރޭން ހިމެނޭ ދެރަކުޢަތެވެ.
މިނަމާދު ނަބިއްޔާކުރައްވާ ގޮތް.
މިނަމާދު ނަބިއްޔާ صلى الله عليه وسلم ކުރައްވަނީ ވަރަށް ލުއިކޮށެވެ. ޞަޙީޙައިނިގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. " ނަބިއްޔާ ފަތިސް ނަމާދުގެ ދެރަކުޢަތް ކުރައްވައި އެނަމާދު ލުއިކޮށް ކުރައްވަވައެވެ. ބައެއް ފަހަރު ތިމަންކަމަނާ އެކަލޭގެފާނު އެނަމާދުގެ ދެރަކުޢަތުގައި ސޫރަތުލް ފާތިޙާ ކިޔުއްވިތޯ އެއްސަވާހާ މިންވަރަށެވެ." އެބަހީ އެކަލެގޭފާނު އެދެރަކުޢަތް ކުރެއްވީ ވަރަށް އަވަސް އަވަހަށެވެ.
އަދި އެހެން ރިވާޔަތެއްގައި ރަސޫލުﷲ މިދެރަކުޢަތުގައި ފުރަތަމަ ރަކުޢަތުގައި ކާފިރޫން ސޫރަތް އަދި ދެވަނަ ރަކުޢަތުގައި އިޚުލާޞް ސޫރަތް ކިޔުއްވިކަމަށް ޞަޙީޙް މުސްލިމުގައި ރިވާވެގެންވެއެވެ.
ޢިބުރަތް: ފަތިސް ނަމާދުގެ ސުންނަތް ދެރަކުޢަތް މިހާ މާތްއިރު، ފަތިސް ނަމާދު ކުރުން އަދި ކިހާ މާތް ވާނެތޯއެވެ؟ އެއީ ފަރުޟު ވެގެންވާ، ކުރުން މާއިތުރުވެގެންވާ ނަމާދެކެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިނަމަ ރޭގަނޑުގެ ދެބައިކޮށްފައި އެެއްބައިގައި އަޅުކަންކުރި ކަމުގެ ޘަވާބު ލިބޭނެ ކަަމަށާއި އަދި އެދުވަހެއްގައި ﷲގެ ޒިންމާގެ ދަށުގައި ވާނެކަމަށް ޙަދީޘްގައި ރިވާވެގެން އައިސްފައިވެއެވެ.