ކެނދިކުޅުދޫ އާއި ފޮއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ފޭސްބުކް ޕޭޖް

ކެނދިކުޅުދޫ އާއި މަގޫދޫ ފެށީ މޮޅަކުން

ނ.ވެލިދޫގައި މިހާރު ފެށިގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާއި މަގޫދޫ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ކެނދިކުޅުދޫ ބައްދަލުކުރީ ފޮއްދޫއާއެވެ. މެޗު ފަށައިގެން ލީޑް ދަމަހައްޓަމުން ގޮސް 19 ޕޮއިންޓާ ހަމަޔަށް ގޮސް ފޮއްދޫ ޓީމަށް ލީޑް ގެއްލުނެވެ. ކެނދިކުޅުދޫ ޓީމުން ދޫނުދީ ކުޅެމުން ގޮސް ފުރަތަމަ ސެޓް ކާމިޔާބު ކުރީ 21-25 އިންނެވެ. އަދި ހަމަ އެ ފޯރީގައި ކުޅެ ޖެހިގެން އައި ދެ ސެޓް 22-25 ، 22-25 އިން ކާމިޔާބުކޮށް ސީދާ 3 ސެޓުން ކެނދިކުޅުދޫ ޓީމު މެޗު ކާމިޔާބު ކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކެނދިކުޅުދޫ ޓީމު މޮޅު ކޮށްދިނުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރި އެ ޓީމުގެ ސްޕައިކަރ މުޙައްމަދު އިޝާން އެވެ.

މަގޫދޫ އާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން . / ފޮޓޯ:ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ފޭސްބުކް ޕޭޖް

މި މުބާރާތުގައި ރޭގައި ކުޅުނު މެޗުގައި މަނަދޫ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް މަގޫދޫ ވޮލީބޯޅަ ޓީމު މޮޅުވީ 3-1 އިންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓް މަގޫދޫ ޓީމުން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 25-17 އަދި 25-16 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓް 18-25 އިން މަނަދޫ ޓީމުން ކާމިޔާބުކޮށް މެޗުގެ ފޯރިގަދަކޮށްލިއެވެ. މެޗުގެ ހަތަރުވަނަ ސެޓް ވެގެންދިޔައީ ފޯރިގަދަ ވާދަވެރި ސެޓަކަށެވެ. މި ސެޓް 27-25 އިން މަގޫދޫ ޓީމުން ކާމިޔާބުކޮށް މެޗު ނިންމާލިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މަގޫދޫ ޓީމުގެ އަޙްމަދު ޝާހިދުއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ހެނބަދޫ އާއި މަނަދޫ ބައްދަލުކުރާއިރު ، މިރޭ ކުޅޭނީ މާޅެންދޫ އާއި ކެނދިކުޅުދޫއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ