ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލައި، އެ ސަރަހައްދުގެ ނިކަމެތިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ' ގެ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީ އަސްކަރިއްޔާ ވެސް ބައިވެރިވެއްޖެއެވެ.
މި މަހުގެ ކުރީކޮޅު ދަތުރު ފެށި ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ވަނީ ތިން އަސްކަރީ ޑްރޯން އެ ސަރަހައްދަށް ފޮނުވާފައެވެ. މި ޑްރޯންތައް ދަތުރުކޮށްފައިވަނީ ތުރުކީގެ ޗޯރްލޫ އަސްކަރީ ވައިގެ ބަނދަރުން ފުރައިގެންނެވެ.
40 އަށްވުރެ ގިނަ އުޅަނދު ހިމެނޭ މި ފްލޮޓިއްލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޕެއިނާއި، އިޓަލީވިލާތް އަދި ގްރީސްގެ އަސްކަރީ އުޅަނދުތައް ވެސް ދަނީ އެހީތެރިވަމުންނެވެ. ނަމަވެސް މި ޤައުމުތަކުން ބުނެފައިވަނީ އެ ޤައުމުތަކުގެ މަނަވަރުތަކުން އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށާއި، ޔަހޫދީންގެ ފައުޖުގެ މަނަވަރުތަކާ ކުރިމަތި ނުލާނެ ކަމަށެވެ.
ފާއިތުވި ހަފުތާގައި ފްލޮޓިއްލާގެ އެއް އުޅަނދަށް ޑްރޯން ހަމަލާއެއް އަމާޒުކުރެވުނު ނަމަވެސް، އެ ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ޔަހޫދީން ކަމަށް ބެލެވެއެވެ.